ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ސީއީއޯގެ މަގާމުން ކާރލް ސްޓުމްކަ އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލުން މިކަންހާމަކުރައްވާފައިވަނީ މިއަދު ކުރި އިއުލާނެއްގައެވެެ.

އެ އިއުލާނުގައި އެ ކުންފުނިން ބުނެފައިވަނީ ކާރލް ވަނީ އިއްޔެ ސީއީއޯ ކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ނަމަވެސް، މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާ، އީޖީއެމްއާ ހަމައަށް އޭނާ ވަޒީފާގައި ދެމިހުންނަވާނެކަމަށެވެ.

މީގެއިތުރުން ބީއެމްއެލުން އިތުރަށް ބުނީ ސީއީއޯގެ މަގާމަށް މީހަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި ބޭންކު ހިންގުމުގެ ޒިންމާ އަދާކުރާނީ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރުއްދީން ކަމަށެވެ. އަދި ރެކްޓަރުންގެ ބޯޑުން ސީއީއޯގެ މަގާމަށް މީހަކު އައްޔަންކުރުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ބުނެފައިވެއެވެ.

ސައުތު އެފްރިކާ އަށް ނިސްބަތްވެވަޑައިގަންނަވާ ކާރލް ބީއެމްއެލްގެ ސީއީއޯ އަކަށް އައްޔަންކުރެއްްވީ 2022 ވަނަ އަހަރު އެވެ. ބީއެމްއެލްގެ ސީއީއޯކަށް ހަމަޖެއްސުމުގެ ކުރިން އޭނާ އަދާކުރެއްވީ ކުވެއިތުގެ އަލް-އަހްލި ބޭންކުގެ ސީއީއޯގެ މަގާމެވެ.

ބީއެމްއެލްގެ ބޯޑުގައި 11 ބޭފުޅުން ތިއްބަވައެވެ. އޭގެތެރޭގައި ހިމެނެނީ ސަރުކާރުން އައްޔަންކުރައްވާ 6 ބޭފުޅުންނާއި، ބީއެމްއެލްއިން އައްޔަންކުރާ 2 ބޭފުޅުންގެ އިތުރުން އަމިއްލަ ހިއްސާދާރުން ތަމްސީލްކުރައްވާ 3 ބޭފުޅުންނެވެ.