ޑިޖިޓަލައިޒޭޝަނަކީ ދިވެހިރާއްޖޭގެ ޤައުމީ ތަޞައްވުރުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ސަމިޓް އޮފް ދަ ފިއުޗަރ ސައިޑް އިވެންޓް" ގައި ވާހަކަފުޅު ދައްކަވަމުނެވެ.

ރައީސް ވާހަކަފުޅުގައި، ޑިޖިޓަލް ބަދަލުވުން މިހާރުވެސް ޤައުމުގެ މުސްތަޤުބަލު އަލުން ބައްޓަންކުރަމުންދާކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޤަބޫލުކުރައްވާ ނަމަވެސް އައު އީޖާދުތަކަކީ ކުރިއެރުމަށް މަގުފަހިކުރާ ކަމެއްކަމަށް ވިދާޅުވިއެވެ.

މަދު ވަސީލަތްތައް މެނޭޖްކުރުމަށާއި ޢާންމު ޚިދުމަތްތައް ރަނގަޅުކުރުމަށް ޑިޖިޓަލައިޒޭޝަން ބޭނުންކުރެވޭ ގޮތް ރައީސް ފާހަގަކުރެއްވިއެވެ. ޑިޖިޓަލައިޒޭޝަންގެ އަމާޒަކީ ހަމައެކަނި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުން ނޫންކަމާއި، އެއީ ހުރިހާ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އުފެއްދުންތެރިކަމާއި، އީޖާދާއި ޑިޖިޓަލް ހުނަރު މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް މޯލްޑިވްސް ޕްރޮގްރާމްގެ ތެރެއިން، ޒުވާނުންނަށް ޑިޖިޓަލް އިޤްތިޞާދަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި، އަދި މުޖުތަމަޢުގެ މައިބަދަކަމަށްވާ އަންހެނުންނަށް މި ފުރުޞަތުތަކަށް ހަމަހަމަ ގޮތެއްގައި ވާސިލުވެވޭކަން ކަށަވަރުކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ޑިޖިޓަލައިޒޭޝަންގެ ދައުރާ ބެހޭގޮތުން ރައީސް މުޢިއްޒު ވާހަކަފުޅު ދެއްކެވިއެވެ. އަދި އާލީ ވޯނިންގ ސިސްޓަމްތަކުގެ ފަދަ ޓެކްނޮލޮޖީތަކުގެ ސަބަބުން ދެމެހެއްޓެނިވި އަދި ވިލުންތެރި މުސްތަޤުބަލެއް ބިނާކުރުމަށް އެހީތެރިވެދޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

ޑިޖިޓަލައިޒޭޝަނާއެކު އަންނަ ފުޅާ ފުރުޞަތުތައް ފާހަގަކުރައްވާ، ރައީސް އޭގެ ސަބަބުން ކުރިމަތިވާ އުނދަގޫތަކަށްވެސް އިޝާރާތްކުރެއްވިއެވެ. އަދި މި ގޮންޖެހުންތައް ހައްލުކުރުމަށް ދުނިޔޭގެ އެހީތެރިކަމަށް ގޮވާލެއްވިއެވެ.

ދިވެހިރާއްޖެއަށް މާލީ ގޮތުން ދަތިތަކެއް ހުރިކަން ފާހަގަކުރައްވާ، އޭގެ ހައްލަކަށް މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރައުސުލްމާލުގެ ދަތިކަން، އެހެންކަމުން އަޅުގަނޑު މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް ޤާއިމުކުރުއްވީ. މި މުއައްސަސާއިން ޑިޖިޓަލް އައު އީޖާދުތަކަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެހީވެދޭ މަޝްރޫޢުތަކަށް ފައިނޭންސްކުރުމަށް އިސްކަންދޭނެއެވެ" އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ކުޑަ ޤައުމެއް ނަމަވެސް، އަޅުގަނޑުމެންގެ އަމާޒުތައް ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ކާމިޔާބީ ވަޒަންކުރެވޭނީ ބޭނުންކުރެވޭ ޓެކްނޮލޮޖީތަކުގެ މައްޗަކުން ނޫނެވެ. އަޅުގަނޑުމެންނަށް ރަނގަޅުކުރެވޭ ދިރިއުޅުންތަކުގެ މައްޗަށް ބަލައިގެންނެވެ." ވާހަކަފުޅު ނިންމާލައްވަމުން، ދިވެހިރާއްޖޭގެ މުސްތަޤްބަލާ މެދު އިތުބާރު ފާޅުކުރައްވަމުން ރައީސް ވިދާޅުވިއެވެ.