ދިވެހިރާއްޖޭގެ އިމިގްރޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި ޒާތީ މަޢުލޫމާތު ހޯދާ ސްކޭމްއެއް ދައުރުވަމުންދާކަމަށް އިމިގްރޭޝަންއިން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަން އޮތޯރިޓީން މިއަދު ހާމަކުރި ގޮތުގައި، މި ސްކޭމް ހިންގަމުންދަނީ ޕާކިސްތާނުގެ ފޯނު ނަންބަރެއް ކަމަށްވާ ‪+923481077883 އިންނެވެ. މި ނަންބަރުން ވަޓްސްއެޕް މެދުވެރިކޮށް ކުރާ ވީޑިއޯ ކޯލްތަކުގައި، އިމިގްރޭޝަން އޮތޯރިޓީގެ ޔުނިފޯމާ އެއްފަދަ ޔުނީފޯމެއް ލައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެ ފަރާތްތަކުގެ ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަމަށް އެ އިދާރާއިން ވިދާޅުވިއެވެ..

މީގެެ އިތުރުން، މި ފަރާތްތައް ތިބެނީ މާސްކު އަޅައިގެން އަދި އިމިގްރޭޝަން އޮތޯރިޓީގެ ނިޝާންތައް ފެންނަ ބެކްޑޮރޮޕެއް ބޭނުންކޮށްގެން ކަމަށްވެސް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އިމިގްރޭޝަންއިން ވިދާޅުވީ މި ޢަމަލުތަކަކީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮތޯރިޓީގެ މުވައްޒަފުންގެ ޢަމަލުތަކެއް ނޫން ކަމަށެވެ. އަދި މިފަދަ ސްކޭމްތަކަށް ސަމާލުވެ، ރައްކާތެރިވުމަށް އެންމެހައި ރައްޔިތުންނަށް އިމިގްރޭޝަންއިން އިލްތިމާސްކޮށްފައިވެއެވެ.