މިހާތަނަށް އައިރު މި ސަރުކާރުން ސިޔާސީ ގޮތުން އެއްވެސް މަންފާއެއް ހޯދުމުގެ ގޮތުން އެސޯސިއޭޝަނެއް މެދުވެރިކޮށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް ހަމުއްމަދު ތަލާލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ތަލާލް ވިދާޅުވީ އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތަށް މިއަދު ފެންމަތިވީ ޒަމާނުއްސުރެ ބައެއް އެސޯސިއޭޝަންތަކުގައި ހުރި މައްސަލަތަކެއް ހައްލުނުވެ، މިއަދު އެކަންކަން ބަލައި، އެއަށް ފިޔަވަޅު އަޅަން ނުވަތަ ގަވާއިދާ އެއްގޮތަށް ކަންކަން ކުރަން މަސައްކަތްކުރަން ފެށުމުން ކަމަށެވެ.

އަދި އެ މައްސަލަތަށް ފެންމަތިވެގެން އައީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހެދިފައި ހުރި ގަވާއިދުތަކާއި، އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދުތަކާއި އުސޫލުތަކުގައި ތައާރުޒުވާ ކަންތައްތަކެއް ހުރުމުން ކަމަށާއި އެގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސްދިނުމަށް އެދި އެކަންކަން ފާހަގަކޮށް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހަށް ފޮނުވާފައިވާނެ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެ ގަވާއިދުތައް ބަދަލުވެގެން އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.