އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން، ގދ.ނަޑެއްލާގައި މެރިޓައިމް އެވެއަރނެސް ޕްރޮގްރާމަކާއި ފަސްޓް އެއިޑް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި ނަޑެއްލާގެ ޞިއްޙީ މަރުކަޒު އަދި ފެނަކަ ބްރާންޗު ގުޅިގެން ސެޕްޓެންބަރު 11 އަދި 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުތަކުގެ ތެރެއިން، މެރިޓައިމް އެވެއަރނެސް ޕްރޮގްރާމުގައި 11 ފަރާތެއް އަދި ފަސްޓް އެއިޑް ޕްރޮގްރާމްގައި 27 ފަރާތަކުން ބައިވެރިވިއެވެ.

މެރިޓައިމް އެވެއަރނެސް ޕްރޮގްރާމްގައި ސީމަންޝިޕް، ޝިޕް ބޯޓް ޑްރިލްސް އަދި ފަސްޓް އެއިޑްގެ ބައިތައް ވަނީ ކިޔައިދީފައެވެ. ޢަމަލީ ފަރިތަކުރުންތަކާއެކު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ ފައިނަލް އެކްސަސައިޒް ބާއްވާފައިވަނީ ނަޑެއްލާގެ 200 މީޓަރު ބޭރުން ކަނޑުމަތީގައެވެ. މިއީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އަދި ފަސްޓް އެއިޑް ޕްރޮގްރާމުގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ފްރެކްޗަރއަށް އަވަސް ފަރުވާދޭނެ ގޮތްތައް ކިޔައިދީ، އަދި ޢަމަލީގޮތުން އެ ބައިތައް ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.

މި ދެ ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި އެމްއެންޑީއެފް ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނެވެ.