މާދަމާގެ ވަގުތެއްގައިވެސް އިންޑިޔާއިން ފިޔާ ހިފައިގެން އަންނަ ބޯޓެއް މާލެ އަންނާނެ ކަމަށާއި ފިޔާ ލިބުމުގައި މާބޮޑު ދަތިކަމެއް ނެތް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޖީހް ވިދާޅުވީ ފިޔާ ހިފައިގެން މާދަމާ އަންނަ ބޯޓުގައިވެސް 3،300 ބަސްތާ ފިޔާ އެބަހުރި ކަމަށެވެ. ވަޖީހް ވިދާޅުވީ މިއަދު އެކަނިވެސް 6،280 ފިޔާ ބަސްތާ ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށެވެ.

"މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން އެބަ ގެންދޭ. އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާ، ޖުމުލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދޭ. މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ" ވަޖީހު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަަރަށް ބާލާފައި ހުރި ފިޔާ ބަސްތާތަކެއް. ފޮޓޯ: އެމްޕީއެލްގެ ސީއީއޯ ވަޖީހް ފޭސްބުކް ޕޭޖް

ވަޖީހް ވިދާޅުވީ އިންޑިޔާގެ މޫސުމް ގޯސްވާ ބައެއްފަހަރު، ދަނޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން، މާކެޓަށް ނެރޭ އެކި ބާވަތްތައް މަދުވުމަކީ، ދޭތެރެ ދޭތެރެ އިން ދިމާވަމުން އަންނަ ކަމެކެވެ. އަދި މިފަދަ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން އިންޑިޔާއިން މައިގަނޑު ގޮތެއްގައި ތަކެތި އިމްޕޯޓް ކުރާ ގައުމުތަކުގެ މާކެޓުގައި ތަކެތީގެ އަގު މައްޗަށް ދިއުމަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ.