ރާއްޖޭގެ އިޤްތިސާދީ ހާލަތު ގޯސްވެފައި އޮތްނަމަވެސް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީގެ ޕެކޭޖަށް ރާއްޖެއިން މިވަގުތު ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މި މޭރުން ވާހަކަފުޅު ދެއްކެވީ މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިނަލްއަގުވާމީ މީޑިޔާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އައިއެމްއެފްގެ އެހީ ހޯދަން ގަސްތުކުރައްވަންތޯ ކުރި ސުވާލެއްގެ ޖަވާބުގައި ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދަށް ދިމާވެގެން އުޅެނި ވަގުތީ ހާލަތެއް ކަމަށެވެ. އެހެންކަމުން މިހާލަތަކީ އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖް ރާއްޖެއިން ނަގަން ޖެހޭ ހާލަތެއް ކަމަށް ދެކިވަޑައި ނުގަންވާކަމަށް ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ރާއްޖެއަށް ދިމާވެގެން އުޅެނީ ރެޒާވް ދަށްވުމާއި ގުޅިގެން ދިމާވި މައްސަލައެއް ކަމަށާއި، ޓެކްސް ނެގުމުގެ ކަންކަމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް އެފިޝެންޓް ކުރުމަށް ފަށާފައިވާ މަސައްކަތް ތަންފީޒުކުރަން ފެށުމުން ލިކުއިޑިޓީ އިތުރުވެ، އިޤްތިސާދު ހަމައަކަށް އެޅިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް "ބައިނަލްއަގުވާމީ ބައިވެރިން" ރާއްޖެއާއެކު އެބަތިބި ކަމަށެވެ. ވަޒީރު ޒަމީރު ވިދާޅުވީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އިންޑިޔާ އާއި ޗައިނާއިންވެސް އެހީވަމުން އަންނަ ކަމަށެވެ. އެކަމަކު އެހީތަކުގެ ތަފްސީލެއް ނުދެއްވައެވެ.
ޚާރިޖީ ވަޒީރު ޒަމީރާއި މާލީ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަފީޤް މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ލަންކާގެ ސެންޓަރަލް ބޭންކުގެ އިސްވެރިންނާއި އަދި ލަންކާގެ އެހެނިހެން ބައެއް އޮފިޝަލުންނާ ބައްދަލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.