މިއަހަރުގެ މިހާތަނަށް ޒަކާތުގެ ގޮތުގައި ދައުލަތައް 73.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު 2023 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބާލައިރު މިއީ 9.8 އިންސައްތަ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު މީރާއަށް ޒަކާތުގެ ގޮތުގައި ލިބުނީ 6.7 މިލިއަން ރުފިޔާއެވެ. މި އަހަރު ލިބިފައިވަނީ 73.8 މިލިއަން ރުފިޔާއެވެ.

އަދި މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ މުދަލު ޒަކާތް ލިބިފައި ވަނީ ޖުލައި މަހުގަ އެވެ. އެއީ 5 މިލިޔަން ރުފިޔާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކެއެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބު ކަނޑައަޅަނީ އިސްލާމިކް މިނިސްޓްރީންނެވެ. އެގޮތުން މުދަލު ޒަކާތުގެ ނިސޯބަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހެވެ. މިހާރުގެ ނިސާބަކީ 9،353.4 ރުފިޔާއެވެ.