ފެނަކަ ކޯޕަރޭޝަން ގެ ބޯޑުގެ ޗެއަރމަންކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ހަމަޖައްސައިފިއެވެ.

ޝިމާދުގެ އިތުރުން، ފެނަކައިގެ ބޯޑަށް ނަން އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިންވެސް ވަނީ އައްޔަންކޮށްފައެވެ.

މިދިޔަ މަހުގެ ފަހުކޮޅު، ފެނަކަ އެސްޓީއޯގެ ދަށަށް އަންނަ އަހަރުން ފެށިގެން ގެންނަން ސަރުކާރުން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާމަކުރައްވަައިފައެވެ. އެގޮތުން މި މަސައްކަތް ކުރުމަށްޓަކައި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ނިންމާފައިވަނީ އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ ބޭފުޅުން ހިމަނައި އިންޓެރިމް ބޯޑެއް އެކުލަވާލުމަށެވެ.

މި ބަދަލާ އެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިހުތިޔާރާއި، ފެނަކައިގެ ހިންގުން ހަރުދަނާކޮށް އެ ކުންފުނީގެ ކަންކަން ތަރުތީބުކުރުމާއި، ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިން ކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒުކުރުން ފަދަ ކަންކަމުގެ އިހްތިޔާރު އެސްޓީއޯއަށް ލިބޭނެއެވެ.