އައިކެއާރގެ ފަރާތުން ފަރެސްމާތޮޑާާގައި ހާއްސަ ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ފަރެސްމާތޮޑާގެ ސިއްހީ މަރުުކަޒުން ބުނެފިއެވެ.

ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން މިހެން ބުނެފައިވަނީ އެ މަރުކަޒުގެ ވައިބަރ ގުރޫޕަށް ހިއްސާ ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ "އައި ކޭމްޕް" ގެ ނަމުގައި ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ މި ކޭމްޕަކީ އެ މަރުކަޒާއި އައިކެއާރއާ ގުޅިގެން ގެންދާ ކޭމްޕެއް ކަމަށެވެ.

އަދި މި ކޭމްޕުގައި އައިކެއާރގެ ފަރާތުން ވަނީ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ހިލޭ ގިނަ ފަރުވާތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ކޭމްޕްގައި ބައިވެރިވާ ބޭފުޅުންނަށް ހިލޭ ލޮލުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމުގެ ފުރުސަތާއި ހިލޭ ލޮލުގެ ނަންބަރު ނެގުމުގެ ހިދުމަތް ލިބޭނެއެވެ.

މީގެއިތުރުން، މި ކޭންޕްގައި ގްލައުކޮމާ، ކެޓަރެކްޓް، އަދި ރެޓީނާގެ މައްސަލައެއް ހުރިތޯ ޗެކްކުރުމުގެ ހިދުމަތް ދެވޭނެއެވެ. ހަމައެއާއެކު ނަންބަރު އައިނު ހެދުމުގެ ހިދުމަތާއި ހައްދާ ކޮންމެ އައިނަކަށް 15 އިންސައްތައިގެ ޑިސްކައުންޓެއް ދެވޭނެ ކަމަށްވެސް ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުގެެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި މި ކޭމްޕްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ބޭފުޅުން މިމަހުގެ 21 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން 6840097 އަށް ގުޅުއްވާ، އެ މަރުކަޒުގައި ނަންނޯޓުކުރެއްވުމަށްވެސް އެ ފަރާތުން ވަނީ އެދިލައްވާފައެވެ.

މި ކޭމްޕް ފަށަނީ މިމަހުގެ 22 ވާ އާދީއްތަ ދުވަހުއެވެ.