އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއް ބަލާ ފާސްކޮށް، އަނެއްކާވެސް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެއިދާރާއަށް ލިބުނު މި މިއުލޫމާތާއި ގުޅިގެން ބަލާ ފާސްކޮށްފައި ވަނީ ހ.ކަޅުހުރާއާގެއެވެ.

އިމިގްރޭޝަން އިން ރޭ 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަނަކީވެސް އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާގޮތަށް ތޮއްޖެހިގެން ބިދޭސީން ދިއިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކެއް ކަމަށެވެ.

އަދި އެތަނުގައި ދިރިއުޅޭ މީހުންގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު ވަނީ އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ހަ ބިދޭސީއަކު ވެސް ހިމެނޭ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތުގެ ތެރެއިން އިމިގްރޭޝަން އިން ދަނީ ގިނަ މަސައްކަތްތަކަށް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މި ސަރުކާރުކާރަށް މިވީ 9 މަސް ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑިޕޯޓްކޮށްފައިވެއެވެ.