''ސްމާޓް ޑްރައިވާސް'' ގެ ނަމުގައި އެޗް.ޑީ.ސީގެ ޑްރައިވަރުންނަށް މައުލޫމާތުދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ސެޕްޓެންބަރު 20 ވަނަ ދުވަހު މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކަމަށެވެ.

އެގޮތުން، އެކްސިޑެންޓުތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބުތަކާއި، އެކްސިޑެންޓުތަކުން ސަލާމަތްވުމަށް ޑްރައިވަރުންގެ ޒިންމާގެ ތެރެއިން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށްވެސް މައުލޫމާތުދީފައިވެއެވެ.

ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ދަނީ ހިންގަމުންނެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކްސިޑެންޓުތައް މަދުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންގެންދާ މަސައްކަތެކެވެ.

މި ސެޝަންގައި އެޗްޑީސީގެ 23 ޑްރައިވަރުން ބައިވެރިވިއެވެ.