ކޮވެލިފާނަ ނުވަތަ ބުޅަލަފާނައަކީ ދިވެހި މަސްވެރިންގެ ތެރޭގައި މަޝްހޫރު، ފައްތައިގެން ކުރާ ކެޔޮޅުކަމުގައި ގިނައިން ބޭނޭ ފާނައެކެވެ. މިބާވަތުގެ ފާނަ ރާއްޖެއިން ވަރަށް ގިނަ ޢަދަދަކަށް ބޭރުކުރެވެއެވެ. މިފާނަ ގިނައިން އުޅެނީ ގަލާއި މުރަކަތަކުގެ ނިވަލުގައި 150 މީޓަރަށްވުރެ ތިލަ ހިސާބުތަކުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މީރު މަހެކެވެ. މަހުގެ ކަރުތާފަތްގަޑުގެ ކުރީބައި ހުންނަނީ ވައްކޮށެވެ.

ކޮވެލިފާނައަކީ ފަރުފަރުގެ މުރަކަތަކުގެ ތެރޭގައި ޖާގަ ހޯދައިގެން އޭގެނިވަލުގައި އުޅޭ މަހެއްކަމުން މިމަސް ގިނައިން ފެނިފައި ވަނީ ފިލަންތަންނަތަނުގެ އަނގަމަތީގައި ބޯ ނުވަތަ ހަށިގަޑުން އެއްބައިނެރެގެން ހިމޭނުން އޮއްވައެވެ. މިފާނު އެންމެ ބޮޑުވަނީ 40 ސެންޓިމީޓަރަށެވެ.

މަހުގެ މަތީ ކޮތަރިބައިގައި ނުވަ ހަރުކަށްޓާއެކު 14 އާއި 16 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި ތިން ހަރުކަށްޓާއެކު ނުވަ މަޑުކަށި ހުރެއެވެ. މަހުގެ ކުލައަކީ ދިއްލިފައި ހުންނަޒާތުގެ ރަތްނާރިނގު ކުލައެވެ. މަހުގެ ބޮލުގައްޔާއި ހަށިގަޑުގައި ނޫކުލައިގެ ކުދިކުދި ތިކިތަކެއް ހުރެއެވެ. މިތިކިތައް މަހުގެ ތުނބުގެ ދަށުގައެއް ނުހުރެއެވެ. ކަންފަތުގެ ފަހަތުކޮޅު ހުންނަނީ ރީނދޫ ކުލައެއްގައެވެ.

ކޮވެލިފާނަ ޢާއްމުކޮށް ކައިއުޅެނީ ފަރުބޭރުގައި މުރަކަތަކުގެ ނިވަލުގައި އައިން ހަދައިގެން އުޅޭ ކުދި މަހެވެ. މީގެ ތެރޭގައި ބޯދި، ފަތާކަހަލަ އެންވެސް ހިމެނެއެވެ.

މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ،2003