1976 ވަނަ އަހަރުގެ “ސެޕްޝަލް އޮލިމްޕިކްސް” އޮތީ އެމެރިކާގެ ސިއެޓްލް ގައެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުން ބައިވެރިވާ ގޮތަށް ބާއްވާ ކުޅިވަރު މުބާރާތެކެވެ.
1967 ވަނަ އަހަރުގެ މުބާރާތުގެ 100 ޔާޑު ދުވުން އޮތް ދުވަހެވެ.
ރޭސް ފައްޓާން ބަޑި ޖެހުމާއެކު ހުރިހައި ކުދިން ދުއްވައިގެންފިއެވެ. އެއީ އާދައިގެ މީހުން ދުވާ ކަހަލަ ދުވުމެއް ނޫނެވެ. އެ ކުއްޖަކަށް ދުވެވޭ ގޮތަކަށް ދުވީއެވެ. ދުއްވައިގަތްތަނާހެން އެއް ކުއްޖަކު ވެއްޓިއްޖެއެވެ. އެ ކުއްޖާ ރޯން ފަށައިފިއެވެ. ރުއިމުގެ އަޑަށް އެހެން ދުވުންތެރިން އެނބުރި ބަލައިލިއެވެ. ރޭސް ނިންމާ ދިމާއަށް ދުވުމުގެ ބަދަލުގައި އެންމެން އެކީ ދުއްވައިގަތީ އެ ކުއްޖާޔާ ދިމާއަށެވެ.
އެމީހުން އައިސް އެ ކުއްޖާ ބިންމަތީން ނަގައިފިއެވެ. އަދި އެންމެ އަތުގުޅާލައިގެން އެކީގައި ގޮސް ރޭސް ނިންމައިފިއެވެ. އޭރު ކުޅިބަލަން ތިބި އެންމެން ކަހަލަ ގޮތަކަށް ތިބީ ކޮޅަށެވެ. އަތްތިލަބަޑި ޖަހާށެވެ. ގިނަ މީހުންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
އެކުއްޖާޔާ އެހީތެރިވުމުގެ ސަބަބުން އެއްވެސް ކުއްޖަކަށް އަމިއްލައަކަށް ރޭހެއް ނުނިންމުނެވެ. އެކަމަކު ހުރިހައި ކުދިންގެ މޫނުމަތީންވެސް ފެނުނީ ހިނިތުންވުމެވެ. އެއީ ކަންތައް ކުރެވުނީ ރަނގަޅަށް ކަމުގެ އިހުސާސް ކުރެވުނީމާ ލިބުނު ހިތްހަމަ ޖެހުމުގެ އަސަރެވެ.
ދުނިޔޭގެ ކުޅިވަރު މައިދާނުގައި މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ކަމަކީ ރޭހެއްގައި ދުވި މީހަކު ވެއްޓުނީމާ، ކުޅި ބަލާ މީހުންގެ ތެރޭގައި ހުރެފައި އެމީހާގެ ބައްޕަ ޓްރެކަށް އަރައި، ދަރިފުޅު އަތުލަފިކޮށްގެން ދެބަފައިން އެކީގައި ދުވެފައި ގޮސް ރޭސް ނިންމި ހާދިސާއެވެ. ސަލާމަތީ ކަންތައް ބަހަލަހައްޓާ މީހުން އޭނާ ހުއްޓުވަން އުޅުނެވެ. އޭނާ އެމީހުންނަކަށް ނުބަލައެވެ. ޓްރެކަށް އަރައި ވެއްޓިފައި އޮތް ދަރިފުޅު ކޮޅަށް ނަގައިފައި ބުންޏެވެ. “ދަރިފުޅާއެވެ. ދުވާނެ ކަމެއް ނެތެވެ. ހުއްޓައިލާށެވެ.”
ދަރިފުޅު ބުންޏެވެ. “ނޫނެކެވެ. މި ރޭހުގައި ދުވަން އަހަރެން ބޭނުމެވެ.”
ބައްޕަ ބުންޏެވެ. “އެހެންވެއްޖެއްޔާ ހިނގާށެވެ. ދެބަފައިން އެކީގައި ދުވެފައި ގޮސް ރޭސް ނިންމާނީއެވެ.”
ދަރިފުޅު ބައްޕަގެ އެހީގައި، ބައްޕަޔާ އެކީ، ރޮމުން، ކޮރަމުން ގޮސް ރޭސް ނިންމި މަންޒަރަކީ ބެލުންތެރިންގެ ހިތަށް ފުން އަސަރުތަކެއް ކުރުވި މަންޒަރެކެވެ.