މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ރާއްޖޭގެ 4 ރަށެއްގައި އައުޓްޑޯރ ޖިމް ޤާއިމްކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އައުޓްޑޯރ ޖިމް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ގދ. ވާދޫ، ސ. ހިތަދޫ އަދި ސ. ހުޅުދޫގައެވެ. މިނިސްޓްރީން މިއަދު ވަނީ މި ޖިމްތައް ހެދުމަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމަށްޓަކައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާން ކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަސައްކަތަށް ކުރިން ކުރެވުނު އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބުތައް އަގުބޮޑުކަމަށް ފެނުމާ ގުޅިގެން، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރުމަށް ވަނީ ނިންމާފައެވެ.

ކުރިން މި މަސައްކަތަށް އިޢުލާންކުރެވިފައިވަނީ 2024 ޖޫން 6 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭނެ ގޮތަށް ކަސްރަތުކުރުމުގެ ވަސީލަތްތައް ޤާއިމްކުރެވޭނެއެވެ. އަދި މީގެ ސަބަބުން ރައްޔިތުންގެ ޞިއްޙަތު ރަނގަޅުވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.