އަޅުގަނޑުމެންނަށް ކަމު ނުދާ ކަހަލަ ކަންތައްތައް ކުރާ މީހުނާ ވަރަށް ގިނައިން ދިމާވެއެވެ. ބައެއް މީހުންގެ އާދަތައް ހުންނަނީއަކީ އަޅުގަނޑުމެންނަކަށް ރުހެވޭ ކަހަލަ ގޮތަކަށް ނޫނެވެ. މިފަދަ ހާލަތަކާ ދިމާވީމާ ނުރުހެވޭ ގޮތް ވެއެވެ.
އެއް ދުވަހަކު ދެބަފަޔަކު ރޭލެއްގައި ދަތުރެއް ކުރިއެވެ. ބައްޕައަކީ އުމުރުން ދުވަސް ވެފައި ހުރި މުސްކުޅިއެކެވެ. ދަރިފުޅުގެ އުމުރުން ވާނީ ސައުވީހަކަށް އަހަރެވެ. ރޭލު ބާރަށް ދަތުރު ކުރަމުން ދިޔައިރު ދަރިފުޅު އިނީ ކުޑަ ދޮރުން ބޭރު ބަލާށެވެ. އެހެން އިނދެފައި ވަރަށް ބާރަށް ގޮވައިލިއެވެ.
“ބައްޕާ. ނިކަން ބައްލަވާ. ގަސްތައް އަޅުގަނޑުމެން ފަސްދީ އެހެރަގެން ދަނީ.”
ބައްޕަ ލޯތްބާއެކު ހިނިތުން ވެލިއެވެ. އެކަމަކު ރޭލުގެ އެ ވަތްގަނޑުގައި އެ ވަގުތު ތިބީ މީހުންނަކަށް އެ ކުއްޖާގެ ހަރާކަތްތައް ކަމުދާ ގޮތެއް ނުވިއެވެ. އުމުރުން ސައުވީސް އަހަރު ވެފައި ހުރި ބޮޑު މީހަކު އެކަހަލަ ކަމެއް ކުރުމަކީ ގަބޫލު ކުރެވޭ ކަހަލަ ކަމަކަށް ނުވިއެވެ. އެ މީހުންނަށް ގަބޫލު ކުރެވުނު ގޮތުގައި އޭނާގެ ސިކުނޑީގެ އުނިކަމެއް އެބަހުއްޓެވެ.އޭނާ އަނެއްކާވެސް ގޮވައިލިއެވެ.
“ބައްޕާ. ނިކަން ބައްލަވާ. އުޑުގައި ހުރި ވިލާތައް އަޅުގަނޑުމެންނާއެކު ދަތުރު ކުރަމުން އެބަ އާދޭ.”
މި ފަހަރުވެސް ރޭލުގައި ތިބި މީހުންގެ މޫނުމަތީން ނުރުހުމުގެ އަސަރު ފެނިގެން ދިޔައެވެ. އެންމެ ފަހުން އެތަނުން އެކަކު ބުނެފިއެވެ.
“ބޭބޭ. ބޭބެގެ ދަރިފުޅު ޑަކްޓަރަކަށް ދައްކަން ވީނު؟ އޭނާއަށް ފަރުވާއެއް އެބަ ބޭނުންވޭ.”
މުސްކުޅި މީހާ ހިނިތުން ވެލިއެވެ.
“އަޅުގަނޑުމެން މި އަންނަނީ ޑަކްޓަރަށް ގޮސްފައި. އަޅުގަނޑުގެ ދަރިފުޅަކީ އިހަށް ކަނު ކުއްޖެއް. އޮޕަރޭޝަން ކޮށްގެން ލޮލަށް ފެންނަ ގޮތް ވީ މިއަދު.”
ރޭލުގައި ތިބި މީހުން ލަދުން އިސް ޖަހައިލިއެވެ.
ކޮންމެ މީހެއްގެވެސް އަމިއްލަ ވާހަކައެއް އޮންނާނެއެވެ. ކޮންމެ ކަމަކަށްވެސް ސަބަބެއް އޮންނާނެއެވެ. އެހެންވީމާ ކަމަކާ ދިމާވުމާއެކު ނުވަތަ ނުރުހޭ ކަމެއް ފެނުމާއެކު އެކަމާ ދެކޮޅު ހަރަކާތެއް ކުރުމުގެ ކުރީން އެކަމެއްގެ ސަބަބާ މެދު ވިސްނައިލާށެވެ. ހަގީގީ ވާހަކައަކީ ކޮބައިތޯ ހޯދަން މަސައްކަތް ކުރާށެވެ.