ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލުން، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް އެކަމަށް ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު އަރިހުން އެދިއްޖެއެވެ.

ނަޑެއްލާ ކައުންސިލުން މިކަމަށް އެދިފައިވަނީ ނައިބުރައީސްއާއެކު އިއްޔެ ބޭއްވި މަޝްވަރާކުރުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ހެނދުނު ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް އެމަނިކުފާނާ ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ބަނދަރު ކުޑަވުމުން ދިމާވާ މައްސަލަތަކާއި، ފެނާއި ނަރުދަމާގެ މަސައްކަތް ހުށްޓިފައި އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ.

މީގެ އިތުރުން ޒުވާނުންގެ މަރުކަޒާއި، ފުޓްބޯޅަ ދަނޑުފަދަ، މަސައްކަތްފަށައި ނުނިމިހުރި ކަންކަން އަވަސްކޮށްދިނުމަށްވެސް އެރަށު ކައުންސިލުން އެދިފައިވެއެވެ.

މި ބައްދަލުކުރެއްވުގައި ނައިބުރައީސް ވަނީ އެރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމުގައިވެސް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.