ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، ނޭޕާލް އިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގަހެންދުރަ ރަޖްބަންޑާއި އާ ބައްދަލުކުރައްވައިފިއެވެ.

ބެލްޖިއަމްގައި ހުންނަ ނޭޕާލްގެ އެމްބަސީގައި ބޭއްވުނު މި ބައްދަލުވުމަކީ، ސަފީރު ޤީލާ އަލަށް މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ބޭއްވުނު ތަޢާރަފުވުމުގެ ބައްދަލުވުމެކެވެ. 7 މެއި 2024 ގައި މަޤާމަށް އައްޔަނުކުރެއްވި ސަފީރު ޤީލާ އަކީ ބެލްޖިއަމަށް ކަނޑައެޅުއްވި ފުރަތަމަ އަންހެން ސަފީރާއި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައި ހުންނަވާ ހެޑް އޮފް މިޝަންއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ނޭޕާލްއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޚާއްޞަކޮށް ޞިއްޙީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ސަފީރުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ބެލްޖިއަމްގައި ހުންނަ ދެކުނު އޭޝިއާގެ ސަފީރުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކުރެއްވިއެވެ.