ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސްވެރިޔާ މުޙައްމަދު ޔޫނުސް އެމެރިކާއަށް ވަޑައިގަތުމުން، އެމެރިކާ ރައީސް ޖޯ ބައިޑެން އޭނާއަށް މަރުޙަބާ ވިދާޅުވީ ބަޣަލްގީރު ކުރެއްވުމަކުންނެވެ. ދެބޭފުޅުންގެ ގާތް އެކުވެރިކަން އެ މަންޒަރުތަކުން ފެނިގެން ދިޔައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ޔޫނުސްއަކީ އެމެރިކާގެ ގޮނޑިކޮއްކޮއެކެވެ. އަދި އޭނާ ވެރިކަމަށް ގެނައީ އެމެރިކާއިން ކަމަށެވެ. ނަމަވެސް މިއީ ސާބިތު ހިފޭފަދަ ވާހަކަތަކެއް ނޫނެވެ. އަދި ޝެއިޚު ހަސީނާގެ ސަރުކާރު ވައްޓާލުމުގައި އެމެރިކާގެ އަތެއް ވާކަމަށް ނުސީދާކޮށް ޙަސީނާ ވަނީ ވިދާޅުވެފައެވެ. އެއާ ޚިލާފަށް ޕާކިސްތާންގެ ޢިމްރާން ޚާންގެ ސަރުކާރު ވައްޓާލީ އެމެރިކާއިން ކަމަށް ޚާންވެސް ވަނީ ސާފު ބަހުން ވިދާޅުވެފައެވެ.

އެމެރިކާ އަކީ އެފަދަ ކަމަކަށް ކުޅަދާނަ އަދި އެމެރިކާ ސަރުކާރުން ފައިސާދޭ އެމެރިކާގެ އެންޖީއޯތައް ޤައުމުތަކުގައި ހިންގައިގެން އެކަމަށް ހިތްވަރުދޭ ފަރާތެކެވެ.

ޔޫނުސް ނިޔޯކަށް ވަޑައިގަތުމުން މީހުން އޭނާއަށް މަރުޙަބާ ދެންނެވީ މުޒާހަރާތަކާ އެކުގައެވެ. މީހުން ބުނެފައި ވަނީ ޔޫނުސްއަކީ އިންތިޚާބަކުން ވެރިކަން ހޯއްދަވާފައިވާ ލީޑަރެއް ނޫން ކަމަށެވެ. އޭގެ އިތުރުން މީހުން ވަނީ ބަނގްލަދޭޝްގައި ދީނުގެ ނަމުގައި ބައެއް މީސްމީހުން ބައިމަދު ދީންތަކުގެ މީހުންނާއި އެމީހުން އަޅުކަން ކުރާ ތަންތަނަށް ދެމުންދާ ހަމަލަތައް ކުށްވެރިކޮށް އަޑު އުފުލާފައެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ، ކުރީ ބޮޑުވަޒީރު ޝެއިޚް ހަސީނާ ގައުމުން ފިއްލަވައިގެން ވަޑައިގަތުމުން، ޤާނޫނު ހަދާ މަޖިލިސް އުވާލުމަށްފަހު ކޮންޓްރޯލް ހޯއްދެވި ޔޫނުސް ކުރައްވަނީ ޣައިރު ޤާނޫނީ ވެރިކަމެއް ކަމަށެވެ.

އެމީހުން ހިފައިގެން ތިބި ލިޔުންތަކުގައި 'ޝެއިހް ހަސީނާ، އަހަރެމެންގެ ބޮޑުވަޒީރު' ފަދަ މެސެޖުތައް ލިޔެފައިވާ ބޯޓުތައް ހުއްޓެވެ. އަދި ޔޫނުސްއާ ދެކޮޅު އިސްތިއުފާގެ ޝިއާރުތައްވެސް ލިޔެފައި ހުއްޓެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ހިންދޫންނާއި މުސްލިމުންނާއި ކްރިސްޓިއަނުން ފަދަ ބައިމަދު ޖަމާޢަތްތަކާ ދެކޮޅަށް، ހަމަނުޖެހުންތަކާއި އަނިޔާވެރިކަން ހިނގާފައިވާ ކަމަށް ބުނެ އެކަންކަން ކުށްވެރިކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ބަންގްލަދޭޝްގެ ބައިމަދު މީހުންގެ ހައްޤުތަކުގެ ޙާލަތު ގޯސްވަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.