ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ޑީޕީއީ) އިން ވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު/ޑިސެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގެ ނޯމަލް އެންޓްރީ އެޕްލިކޭޝަން އަލުން ހުޅުވާލާފައެވެ.
މި ނިންމުން ނިންމާފައިވަނީ ގިނަ ފަރާތްތަކަކުން އިމްތިހާނުގައި ބައިވެރިވުމަށް އެދެމުންދާތީއެވެ. ޑީޕީއީ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން ކުރިއަށްދާނީ 2024 ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 އިން ފެށިގެން 2024 އޮކްޓޫބަރު 02 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ފޯމު ޑިޕާޓްމަންޓްގެ ކައުންޓަރުން (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް [email protected] އަށް މެއިލް ކުރެވޭނެ ކަމަށް ވެސް ޑީޕީއީ އިން މައުލޫމާތުދެއެވެ.
ޑީޕީއީ އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:30 އަށެވެ. ފޯމު ހުށަހަޅާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންދިއުމަށް ޑިޕާޓްމަންޓުން ވަނީ އެދިފައެވެ.
ފައިސާ ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ފުރުޞަތު އަލުން ހުޅުވާލުމާއެކު، ކެމްބްރިޖް އިންގްލިޝް އިމްތިޙާނުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.