ބަންގްލަދޭޝްގެ އިޤްތިޞާދީ ޙާލަތު ގޯސްވާން ދިމާވެފައިވަނީ، ކުރީގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވަގުތީ ސަރުކާރުން ބުނެއެވެ.
ބަނގްލަދޭޝްގެ ފޮރިން އެކްސްޗޭންޖް ރިޒާވް ވަނީ ހަ އަހަރުގެ ތެރޭގައި ނުވެއްޓޭހައި ދަށަށް ވެއްޓި 16 ބިލިއަން ޑޮލަރަށް ތިރި ވެފައެވެ. ބޭރުން ބަނގްލަދޭޝަށް ވަންނަ ރެމިޓެންސް ފައިސާވެސް ލިބެމުން ދަނީ ލަފާކުރި މިންވަރަށް ވުރެ ދަށް މިންވަރަކަށެވެ.
މީގެ އިތުރުން ވަގުތީ ސަރުކާރު އިނދެޖައްސާލުމަށްވެސް އެތެރޭން މަސައްކަތްތަކެއް ކުރަމުން ދެއެވެ. ފޭރާން އުފެއްދުމުގެ ޞިނާޢަތުގައި އުޅޭ ފަރާތްތަކުގެ ކޯޅުމާއި ހަލަބޮލިކަމާ ހެދި، ފޭރާން އުފެއްދުމާއި އެކްސްޕޯޓަށް ބުރޫއަރާފައި ވެއެވެ.
ވަގުތީ ސަރުކާރުގެ ފިނޭންސް އެންޑް ކޮމާސް މިނިސްޓްރީގެ އެޑްވައިޒަރު ވިދާޅުވަނީ އެފަރާތްތަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލޯނުތައް ދެއްކުމަށް ދިމާވެފައިޥާ ގޮންޖެހުމެވެ.
ބަނގްލަދޭޝްގެ ސަރުކާރުގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބަންގްލަދޭޝްގެ ދަރަނި އޮތީ:
- ޖަޕާނަށް 9.21 ބިލިއަން ޑޮލަރު،
- ރަޝިޔާއަށް 5.09 ބިލިއަން ޑޮލަރު،
- ޗައިނާއަށް 4.76 ބިލިއަން ޑޮލަރު،
- އިންޑިއާއަށް 1.02 ބިލިއަން ޑޮލަރެވެ.
ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް ރިލޭޝަންސް ޑިވިޝަން އިން ބުނާ ގޮތުގައި ޖުލައި 2023 އިން މާޗް 2024 އަށް ބަންގްލަދޭޝް އިން އިތުރު 5.63 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައިވެއެވެ.
ރަޝިޔާއިން އެދިފައިވަނީ ރޫޕޫރު ނިއުކްލިއާ ޕަވަރ ޕްލާންޓަށް ނަގާފައިވާ ލޯނުގެ އިންޓަރެސްޓްގެ ނުދައްކާ ހުރި ބައިތައް ސެޕްޓެމްބަރު 15 ގެ ނިޔަލަށް ދެއްކުމަށެވެ. ރޫޕޫރު މަޝްރޫއަށް 12.65 ބިލިއަން ޑޮލަރުގެ ލޯނު ނަގާފައި ވަނީ %4 ގެ އިންޓަރެސްޓް ރޭޓުގައެވެ. އަދި އިންޓަރެސްޓް ނުދެއްކުމުގެ ސަބަބުން ޖުރިމާނާއަށް 2.4 ޕަސެންޓް އިތުރަށް އަރާފައި ވެއެވެ.
ރަޝިޔާގެ ފައިނޭންޝަލް ޑިވެލޮޕްމަންޓް ކުންފުނި ވީއީބީ.އާރުއެފް އިން އޮގަސްޓް 21 ވަނަ ދުވަހު ޑާކާއަށް ފޮނުވި ސިޓީއެއްގައި ބުނަނީ ބޭންކް އޮފް ޗައިނާގެ ޝަންހާއީ ބްރާންޗަށް އެމެރިކާ ޑޮލަރުން ނުވަތަ ޗައިނާ ޔުއާން އިން މި ފައިސާ ދައްކަން ވާނެ ކަމަށެވެ. އަދި އެ މުއްދަތަށް ފައިސާ ނުދައްކަނީނަމަ، ކުރިއަށް ހުރި މަޝްވަރާތައް އުނދަގޫ ވެގެން ހިނގައިދާނެ ކަމަށެވެ.
ރަޝިޔާގެ މި ލޯނު އެއްބަސްވުމުގެ މުއްދަތު ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާއިރު، ބަދަލު އިންތިޒާމުތަކެއް ހަމަޖެއްސުމަށް ބަންގްލަދޭޝްއިން ހުށަހެޅި ހުށަހެޅުންތަކަށް ރަޝިޔާ ކުންފުނިން ވަނީ ނޫނެކޭ ބުނެފައެވެ.
ޗައިނާއިން ވެސް ދަނީ އެޤައުމުގެ ލޯނު ފައިސާ އަނބުރާ ދެއްކުމަށް ބަނގްލަދޭޝަށް ޕްރެޝަރު ކުރަމުންނެވެ. މިހާރު ބަންގްލަދޭޝްއިން އެދިފައިވަނީ މިހާރު ހިނގަމުންދާ ޗައިނާގެ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް 1 އިންސައްތައަށް އަށް ދަށްކޮށް، އެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު 30 އަހަރަށް އިތުރުކޮށް ދިނުމަށެވެ. ނަމަވެސް ބެއިޖިން އިން އެކަމަށް އަދި އިޖާބައެއް ދީފައެއް ނުވެއެވެ.
މީގެ އިތުރުން އިންޑިއާގެ އަދާނީ ޕަވަރ ކުންފުނިން ދަނީ ބަންގްލަދޭޝް ޕަވަރ ޑިވެލޮޕްމަންޓް ބޯޑުން އެކުންފުންޏަށް ދައްކަން ޖެހޭ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ދެއްކުމަށް އަންގާފައެވެ. އިންޑިއާއާއި ބަނގްލަދޭޝްއިން އެއްބަސްވެފައި ވަނީ ނޭޕާލުގައި ފެނުން އުފައްދާ ކަރަންޓާއި އިންޑިއާގައި އަދާނީ ކުންފުނިން ކޯލާ ދެލިން އުފައްދާ ކަރަންޓު ބަނގްލަދޭޝަށް ވިއްކާށެވެ.
މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ބަންގްލަދޭޝް އިން މަހަކު އަދާނީއަށް ކަރަންޓަށް ދައްކަންޖެހެ ފައިސާއިން ދައްކަމުން ގޮސްފައި ވަނީ އެންމެ 40-45 މިލިއަން ޑޮލަރުގެ ފައިސާއެވެ. އަދާނީން ޖަރްކަންދުގައި ހިންގާ އިންޖީނުގެ އިން އުފއްދާ ހުރިހައި ކަރަންޓެއް ވިއްކަނީ ބަނގްލަދޭޝަށެވެ. ނަމަވެސް ޑާކާއިން ބިލުތަކަށް ފައިސާ ދެއްކުން ލަސް ކުރަނީނަމަ، ކަރަންޓު ލިބުން ދަތިވެ ބަނގްލަދޭޝްގެ އުފެއްދުމަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ބަނގްލަދޭޝަށް އަންނަ މަގުމަތީވެސް ފައިސާތަކެއް އެބަ އުޅެއެވެ. އެމެރިކާއިން ވަނީ ވެރިކަން ހިންގުން ހަރުދަނާ ކުރުމަށް 200 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފައެވެ. ވޯލްޑް ބެންކުން ވަނީ އެއް ބިލިއަން ޑޮލަރު ދޭން ވަޢުދުވެފައެވެ. އަދި އޭޝިއަން ޑިވެލޮޕްމެންޓް ބެންކުން ވަނީ 1.5 ބިލިއަން ޑޮލަރު ދޭން ވަޢުދުވެފައެވެ.