ޕާކިސްތާނުގައި އެޗްއައިވީ ޖެހޭ މީހުންގެ ޢަދަދު އިތުރު ވަމުންދިއުމާއި އަދި ޞިއްހީ ފަރުވާގެ އިންފްރާސްޓްރަކްޗަރ އެކަށީގެންވާ ވަރަށް ހަރުދަނާ ވެފައި ނެތުމާއި، އާންމުންގެ މެދުގައި ހޭލުންތެރިކަން އަށަގެންފައި ނެތުމާއި ރައްކާތެރި ނޫން ސިއްހީ އުސޫލުތައް ފަދަ ކަންކަމަކީ ޕާކިސްތާނަށް އެޗްއައިވީ ކޮންޓްރޯލު ކުރުމަށް މެދުވެރިވެފައިވާ އެންމެ ބޮޑު މައްސަލައެވެ.
ޕާކިސްތާނުގެ މަޝްހޫރު އިނގިރޭސި ދުވަހު ނޫސް ޑޯންގައި ޝާއިއުކުރި އެޑިޓޯރިއަލްއެއްގައިވާ ގޮތުން ސަރުކާރުން ރައްޔިތުންގެ މިފަދަ މައްސަލަތަކަށް އިސްކަމެއް ނުދެއެވެ. ސިއްހީ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމާއި ސިއްހީ ފަންނީ ބޭފުޅުންގެ މެދުގައި ހޭލުންތެރި ކަން އިތުރުކޮށް ތަމްރީން ކުރުމަށް މަސައްކަތެއް ނުކުރެއެވެ. އަދި މިކަންކަމުގެ ސަބަބުން ޕާކިސްތާންގެ އެޗްއައިވީ/ އޭޑްސްގެ ހާލަތު ގޯހުން ގޯހަށް ދަނީ ކަމަށް އެނޫހުން ބުނެއެވެ.
ޕާކިސްތާންގައި މި ފަހަކަށް އައިސް އިތުރު ވަމުންދާ އެޗްއައިވީ ކޭސްތަކާ ބެހޭ ގޮތުން ހާމަކޮށްފައިވަނީ، 2019 ވަނަ އަހަރު ސިންދު ޕްރޮވިންސްގައި އެޗްއައިވީ ފެތުރުނު އިރު، ދިމާވި ސިއްޙީ ކާރިސާއިން ސަރުކާރުން އަދިވެސް ޢިބްރަތް ހާސިލުކޮށްފައި ނުވާ ކަމަށެވެ. އެއިރު ސިންދުގައި 895 އެއްހާ އެޗްއައިވީ ކޭސް ފެނިފައިވާއިރު، އެ އަދަދުގެ 80 ޕަސެންޓަކީ ކުޑަކުދިން ކަން ހާމަވެގެން ދިޔައެވެ.
ޕާކިސްތާނުގައި މިހާރުގެ ތަފާސްހިސާބު ދައްކާ ގޮތުން އެޗްއައިވީ ޖެހިފައިވާ 220،000 އަށް ވުރެ ގިނަ މީހުން އުޅެއެވެ. އަދި ކޮންމެ އަހަރަކު ވެސް އެތައް ހާސް އައު ކޭސްތަކެއް ރިޕޯޓު ކުރެއެވެ.