މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގެ އެންމެހައި ތައްޔާރީތައް ފުރިހަމަކޮށް ކޮންފަރެންސް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ތަޢުލީމީ ވުޒާރާގެ ދަށުން ހިންގާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސް އޮންނާނީ އޮކްޓޫބަރު މަހުގެ 1 އާއި 2 ވަނަ ދުވަހު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) މާލޭގައެވެ.
މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "Educate، Empower، Elevate: Equitable Education for 21st Century Excellence" އެވެ. މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ވަނީ ރަޖިސްޓަރީ ކޮށްފައެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވާ މި ކޮންފަރެންސްގައި މި އަހަރު 60 ރިސަރޗް ޕޭޕަރާއި 4 ކޭސް ސްޓަޑީ ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 2 ކީނޯޓް ސްޕީޗާއި 2 ޕެނަލް ޑިސްކަޝަން ވެސް ކުރިއަށްދާނެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުން ހިމެނެއެވެ. އަދި ބޭރު ޤައުމުތަކުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖެ ތަޢާރަފުކޮށްދިނުމާއެކު، ރާއްޖޭގައި "އެކަޑެމިކް ޓުއަރިޒަމް" ކުރިއެރުވުމަކީ ވެސް މި ކޮންފަރެންސްގެ މުހިންމު މަޤްޞަދެކެވެ.
2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބޭއްވުނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އޭރު ބޭއްވުނު ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.