ޖަޕާނުގެ އައު ބޮޑުވަޒީރު ޝިގެރޫ އިޝިބައަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް ވަޒީރު އިޝިބައަށް މަރުހަބާ ވިދާޅުވެ ރައީސް ފޮނުއްވި ސިޓީފުޅުގައި އެމަނިކުފާނުގެ މަސައްކަތްޕުޅަށް ކާމިޔާބީއަށް އެދިވަޑައިގެން، އެމަނިކުފާނުގެ ޒައާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ ސަރުކާރާއެކު މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވާފައިވެއެވެ. އަދި ޖަޕާނަކީ އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ތަރައްގީއަށް އަބަދުވެސް، ގިނަގުނަ އެހީތައް ވެދެއްވާ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލަވާފައިވަނީ ޖަޕާނުގެ އައު ބޮޑުވަޒީރަށާއި އެގައުމުގެ ރައްޔިތުންނަށް ހެއެއެދުންތައް އަރިސްކުރައްވައި، ހަމަޖެހުމާއި ކުރިއެރުމަށް އެދިވަޑައިގަންވަމުންނެވެ.