ސައުދީ ޕްރޯ ލީގުގައި އަލްއުރުބަހްއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކޮށް, އަލްނަސްރުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.

އަލްއައްވަލް ޕާކު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އަލްނަސްރުގެ ފަރާތުން ވަނީ ވަރުގަދަ ކުޅުމެއް ފެނިގެންގޮސްފައެވެ. އެ ގޮތުން އަލްނަސްރުން ވަނީ މެޗު ފެށިގެން 17 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ, އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމުގެ ސުޕާސްޓަރ ކްރިސްޓިއާނޯ ރޮނަލްޑޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ އޭނާގެ ކެރިއަރުގެ 905 ވަނަ ގޯލުކަން ފާހަގަކޮށްލަން ޖެހެއެވެ.

އަލްނަސްރުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ރޮނަލްޑޯގެ ޕާހަކުން ސާދިއޯ މާނޭ ކާމިޔާބު ކުރި ލަނޑެކެވެ. މާނޭގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 އިން އަލްނަސްރު ކުރީގައި އޮވެގެންނެވެ.

އަލްނަސްރު އެ ޓީމުގެ ފަހު ލަނޑު ކާމިޔާބު ކުރީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ, ދެވަނަ ލަނޑު ކާމިޔާބު ކުރި މާނޭއެވެ. މާނޭގެ ލަނޑާއެކު އަލްނަސްރުން ވަނީ ފަސޭހަކަމާއެކު އަލްއުރުބަހް މަތަކޮށް, 3-0 އިން މެޗު ކާމިޔާބު ކޮށްފައެވެ.

މި މެޗުން ލިބުނު މޮޅާއެކު އަލްނަސްރު ވަނީ ސައުދީ ޕްރޯ ލީގުގެ ތިންވަނައަށް ޖެހިލައިފައެވެ. އަލްނަސްރު ތާވަލުގެ ތިންވަނައިގައި އޮތީ ކުޅުނު 6 މެޗުން ލިބުނު 14 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އަލްއިއްތިހާދު އަދި އެއްވަނައިގައި އޮތް އަލްހިލާލަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ނަަމަވެސް އަލްނަސްރާއި އަލްއިއްތިހާދާ ހިލާފަށް އަލްހިލާލުން ކުޅެފައިވަނީ 5 މެޗު ކަމަށް ވާތީ ލީގުގެ އެއްވަނައިގައި ފަރަގު ބޮޑު ކުރުމުގެ ފުރުސަތު އަލްހިލާލަށް އެބައޮތެވެ.