މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ގްރޭޓަރ މާލެ ސިޓީ އަށް ނިސްބަތްވާ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ޤުރުއާން މުބާރާތެއް ކުރިޔަށްގެންދިއުމަށް ހަމަޖައްސައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ވަނީ މިކަން ހާމަކޮށް ދިވެހި ސަރުކާރު ގެޒެޓްގައި އިއުލާނެއް އާންމުކޮށްފައެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކަނބަލުންގެ ޤުރުއާން މުބާރާތް 1446 ނަމުގައި ކުރިއަށް ގެންދާ މި މުބާރާތް ބަހައިލެވިފައިވަނީ ދެ ގޮތްޕަކަށް ކަމަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ.

އަދި ކޮންމެ ގޮތްޕެއްގައި ވެސް 4 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 25 އަހަރާއި 35 އަހަރާ ދެމެދު، 36 އަހަރާއި 45 އަހަރާ ދެމެދު، 46 އަހަރާއި 55 އަހަރާ ދެމެދު އަދި 56 އަހަރުން މައްޗަށް ކަމަށްވެސް ބުނެފައިވެއެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ކިޔެވުން ހޮވާނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ.

ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ކިޔެވުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މިމުބާރާތުގެ ވަނަވަނައަށް އަންނަ ކަނބަލުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

- ކޮންމެ އުމުރުފުރާއަކުން:

  • 1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

- ކޮންމެ ގޮތްޕަކުން:

  • 1 ވަނަ -/15000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • 2 ވަނަ -/10000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • 3 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް

އަދި މި މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅުއްވާނީ 5https://forms.gle/TdWK5YeoRg1W7wgq5 ގޫގުލް ލިންކް މެދުވެރިކޮށް ކަމަށާއި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހާއި ގަޑިއަކީ މިމަހު 17 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ކަމަށްވެސް މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.