ދިޔަވަރު ބޮޑުވާ ވަގުތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް، އެ ކަމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގެ މިއަދުގެ މޫސުން ލަފާކުރައްވާ މެޓުން އިތުރަށް ބުނީ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.
އަދި ހުޅަނގުދެކުނާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް މެޓުން ބުންޏެވެ.
މީގެއިތުރުން އުތުރާއި މެދުރާއްޖެ ތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން 5 ފޫޓާއި 8 ފޫޓާ ދެމެދު އަދި ދެކުނުގައި ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދު ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުނެފައިވެއެވެ.
އަދި ހާއްސަ ގޮތެއްގައި ކަނޑުދަތުރު ކުރާ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ހަމައެއާކު މެޓުން ވަނީ މިއަދު ހެނދުނު 7:15 ގައި ނ. އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދުސަމާލުވެސް ނެރެފައެވެ. މި ސަމާލުގައި އެ ސަރަހައްދުތަކަށްވެސް ބޯކޮށް ވާރޭވެހި ގުގުރުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފައެވެ.
މި ހުދުސަމާލުގެ މުއްދަތު ހަމަވާނީ މެންދު 13:00 އަށެވެ.