ރިހާކުރަކީ ދިވެހީންގެ މެދުގައި އެފަދަ ދެވަނައެއް ނެތް އެއްޗެކެވެ.

ރިހާކުރަކީ ކޮންމެ އިރެއްގެ ކެއުމުގައި ވެސް ހިމަނާލެވޭ އެއްޗެއް ކަމުގައި ވާއިރު، ރިހާކުރުން ތައްޔާރުކުރާ ތަފާތު ގިނަ ކާނާގެ ބާވަތްތައް ތައްޔާރުކުރެއެވެ. އެގެތުން ރިހާކުރު ފޮޅި އަކީ ހަވީރު ސަޔަށް ދިވެހީންގެ މެދުގައި ފާހަގަކޮށްލެވޭ މަގުބޫލު ހެދިކާއެކެވެ.

ބޭނުންވާ ތަކެތި

½ ޖޯޑު ގޮދަން ފުށް ، ½ ޖޯޑު ހަނޑޫ ފުށް (ހިމުންކޮށް) ، ⅓ ޖޯޑު ކާށި ހުނި ، ½ ޖޯޑު ރިހާކުރު ، ½ ޖޯޑު މުރަނގަ ފަތް ، 3 ސައި ސަމުސާ ބަޓަރު ، 1 ފިޔާ (ތުނިކޮށް ކޮށާފައި) ، 6 ހިކަނދި ފަތް (ކޮށާފައި) ، ⅓ ސައި ސަމުސާ އިނގުރު (ގާނާފައި) ، 1 ލުނބޯ ، 2 މިރުސް ، ⅓ ސައި ސަމުސާ ރީނދޫ (މުގުރާފައި) ، ⅓ ސައި ސަމުސާ ދިރި (މުގުރާފައި) ، 1 ކުކުޅު ބިސް ، ފެން ، ލޮނު (ރަހަލާވަރަށް)

ހަދާނެގޮތް

މައިކްރޯވޭވް ނުވަތަ އުނދުން ބޭނުންކޮށްގެން ބަޓަރު ކޮޅު ދިޔާކޮށްލާށެވެ. ބަޓަރުކޮޅު ހިހޫކޮށްލަން 5 މިނެޓް ވަންދެން ބަހައްޓާލަން ވާނެއެވެ. ދެން ފިޔާ، އިނގުރު، ހިކަނދި ފަތް، މިރުސް، ލުނބޯހުތް، ރީނދޫ، ދިރި، އަދި ލޮނު ތައްޓަކަށް އެޅުމަށްފަހު ރަނަގަޅަށް މޮޑެލާށެވެ. އޭގެތެރެއަށް ކާށި ހުނި އަޅާ ރަނގަޅަށްއެއްކޮށްލާށެވެ. އެއަށް ފަހު، ރިހާކުރާއި، މުރަނގަ ފަތް އެޅުމަށް ފަހު އަނެއްކާވެސް އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ބިހާއި، ގޮދަން ފުށާއި، ހަނޑޫފުށްއަދި ބަޓަރު އަޅައި އެއްކޮށްލާށެވެ. ބިސްކޮޅު ތައްޓަށް އަޅާނީ އެހެން ތައްޓެއްގައިގިރާލުމަށްފަހުގައެވެ. ތައްޔާރުކުރި އެއްޗެހި މާހިކިނަމަ، ފެންފޮދެއް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މިކްސްޗަރ ހުންނަންވާނީ ތަވާގެ ތެރޭގައި ފަސޭހައިން ފަތުރާލެވޭނެ ގޮތަށެވެ. ތަތްނުލަވާ ތަވަލެއް އުނދުން މައްޗަށް އުދުމަށްފަހު،މަޑު ގިނީގައި ހޫނުކޮށްލާށެވެ. ތަވަލުގެ ތެރެއަށް ބަޓަރުކޮޅު އެޅުމަށްފަހު، ތަވަލުގެ ހުރިހާ ހިސާބަކަށް ފަތުރާލާށެވެ. އެއީ ފޮޅި ފިހޭއިރު، ތަތްލިޔަ ނުދިނުމަށްޓަކައެވެ. އެއަށްފަހު، ތައްޔާރުކުރި މިކްސްޗަރ ގެ 2 މޭޒުމަތީ ސަމުސާ ތަވަލުގެ މެދުތެރެއަށް އަޅާލުމަށްފަހު، ސަމުސަލުގެ ދަށްފުށުން ވަށްބުރަކަށް ވާގޮތަށް ތަވަލުގެ ތެރެއަށް ފަތުރާލާށެވެ. އަރިމަތިން ފޮޅި ނެއްޓޭގޮތް ވުމުން، ކުޑަކޮށް ހިއްލާލާފައި އަޑި އޮތީ މަޑުމުށި ކުލަ އަރާވަރަށް ފިހެވިފައިތޯ ބަލާލާށެވެ. ފިހެވިފައިވާނަމަ، މެދުން އެއްފަހަރު ފަތްޖަހާލާފައި ތަވަލުން ނަގާށެވެ.ތައްޔާރުކުރި މިކްސްޗަރ ހުސްވަންދެން މިގޮތަށް ކުރިއަށް ގެންދާށެވެ.

ރެފަރެންސް: މޯލްޑިވްސްކުކް