ލިވަޕޫލާއެކު ހަދާފައިވާ ކޮންޓްރެކްޓް މި ދިޔަ ސީޒަނުގެ ނިޔަލަށް ހަމަވުމާއެކު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި ޖޮއެލް މެޓިޕް ފުޓުބޯޅައިން ރިޓަޔާވުމަށް ނިންމައިފިއެވެ.

ކެމެރޫނަށް ނިސްބަތްވާ 33 އަހަރުގެ ޑިފެންޑަރު ރިޓަޔާވިކަން ލިވަޕޫލުން ވަނީ ޔަގީންކޮށްދީފައެވެ. އޭނާ ރިޓަޔާވުމަށް ނިންމާފައިވަނީ މި އަހަރު ފްރީ އޭޖެންޓެއް ގޮތުގައި ހުރި ކަމުގައިވިއަސް އޭނާއަށް ރަނގަޅު އޮފާއެއް އެހެން ކްލަބަކުން އައިސްފައިނުވާތީއެވެ.

މެޓިޕް އޭނާގެ ކެރިއަރު ފެށީ ޖަރުމަނުގެ ޝަލްކާގައެވެ. 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރު ވަންދެން ޝަލްކާއަށް ކުޅެދިން މެޓިޕް ވަނީ އެ ކްލަބަށް 194 މެޗު ކުޅެދީ 17 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޝަލްކާގައި މެޓިޕް ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން, އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމާއެކު, އޭރު ރީބިލްޑްގެ މަރުހަލާގައި އޮތް ލިވަޕޫލުން ވަނީ ހިލޭ ޓްރާންސްފާއެއްގައި އޭނާގެ ސޮއި ހޯދާފައެވެ.

15 ފެބްރުއަރީ 2016 ވީ ދުވަހު ލިވަޕޫލާ ގުޅުމަށްފަހު ފަހަތް ބެލުމެއް ނެތި މެޓިޕް ވަނީ ކާމިޔާބީއަކަށް ފަހު ކާމިޔާބީއެއް ލިވަޕޫލަށް ހޯދައިދީ, ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރަށް ވެފައެވެ. ލިވަޕޫލުގައި އޭނާ ހޭދަކުރި 8 އަހަރު ތެރޭ އޭނާ ވަނީ ޖުމްލަ 7 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ކާމިޔާބު ކުރި ޔޫއެފާ ޗެމްޕިއަންސް ލީގާއި 2020 ވަނަ އަހަރު ކާމިޔާބު ކުރި އިނގިރޭސި ޕްރިމިއާ ލީގެވެ.