ރެފްރީއަކަށް އަމާޒުކޮށް ނޮޓިންހަމް ފޮރެސްޓުން ކުރި ސޯޝަލް މީޑިއާ ޕޯސްޓަކާ ގުޅިގެން އެ ކްލަބު ބޮޑުކޮށް ޖޫރިމަނާއެއް ކުރުމަށް އިނގިރޭސި ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭ) އިން ނިންމައިފިއެވެ.
މި ޖޫރިމަނާއަކީ މި ދިޔަ ސީޒަނުގައި އެވަޓޮން އަތުން 2-0 އިން ފޮރެސްޓު ބަލިވި މެޗަށްފަހު އެ މެޗުގެ ވީޑިއޯ އެސިސްޓެންޓް ރެފްރީ, ސްޓުއާޓް އެޓްވެލްއާ ދެކޮޅަށް ފޮރެސްޓުން ކުރި ޕޯސްޓެއްގެ ސަބަބުން ކުރި ޖޫރިމަނާއެކެވެ. އެ ޕޯސްޓުގައި ވަނީ އެޓްވެލްއަކީ އޭރު ފޮރެސްޓާއެއްކޮށް ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ ލޫޓޮން ޓައުންގެ ސަޕޯޓަރެއް ކަމަށް ތުހުމަތުކޮށްފައެވެ.
"އަހަރެމެންނަށް ލިބެން ޖެހޭ ތިން ޕެނަލްޓީ ރެފްރީއިން ނުދިން. މިއީ ބަލައިގަނެވޭނެ ކަހަލަ ކަންކަމެއް ނޫން. މެޗުގެ ކުރިން ވެސް ޕީޖީއެމްއޮލްއަށް ޝަކުވާ ހުށައެޅިން ރެފްރީ އެޓްވެލްއަކީ ލޫޓޮން ޓައުންގެ ސަޕޯޓަރަކަށް ވާތީ އޭނާ ބަދަލުކޮށްދެން. އެކަމާ ގުޅިގެން އެއް ވެސް ފިޔަވަޅެއް އަޅާފައެއް ނުވެ." ރެފްރީ އެޓްވެލްއާ ދެކޮޅަށް ފޮރެސްޓުން ކުރި ޕޯސްޓުގައި އެ ކްލަބުން ބުންޏެވެ.
ރެފްރީ އެޓްވެލްއާ ދެކޮޅަށް ކުރި މި ޕޯސްޓުގެ ސަބަބުން އިނގިރޭސި އެފްއޭއިން ވަނީ ހަތް ލައްކަ ޕައުންޑުގެ ބޮޑު އަދަދުން ފޮރެސްޓް ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން އެފްއޭއިން ވަނީ މިސްކޮންޑަކްޓްއާ ބެހޭ ގޮތުން ފޮރެސްޓަށް އިންޒާރުކޮށްފައެވެ.
މި ބޮޑު ޖޫރިމަނާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ފޮރެސްޓުން ވަނީ އެފްއޭގެ މި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފައެވެ. މި ނިންމުމަކީ ބަލައިނުގަނެވޭނެ ނިންމުމެއް ކަމަށާއި އެ ނިންމުން އިސްތިއުނާފަށް ހުށައަޅާނެ ކަމަށް ވެސް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.