ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ދަތުރުތަށް ވަރަށް އަވަހަށް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެއަރޕޯޓްގެ މެއިޓެނެންސް ދިގު މުދަތަކަށް ނުކުރެވި އޮތުމާއި، ރަންވޭގެ ޙާލަތު ހުރި ގޮތުން އެއަރލައިންގެ ދެ މަތިންދާބޯޓަށް ގެއްލުން ލިބުމާ ގުޅިގެން މޯލްޑިވިއަން އިން ކޫއްޑޫއަށް ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވެއެވެ.
އެހެންކަމުން، ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ކޫއްޑޫ އެއަރޕޯޓް ހިންގާ ފަރާތާ ގުޅިގެން އެއަރޕޯޓް ރަންވޭ މަރާމާތުކޮށް ރަނގަޅު ޙާލަތަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަރާމާތުގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާ ދަތުރުތައް އަލުން ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ސަލީމް ވެސް ކުރިން ވަނީ ކޫއްޑޫ އެއަރޕޯޓްގެ ރަންވޭ އާއި އެޕްރަންގެ ޙާލަތު ދަށްވުމާ ގުޅިގެން ދަތުރުތައް ހުއްޓާލާފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އެ ފަރާތުގެ ދެ ފްލައިޓަކަށް ގެއްލުން ވެފައިވާ ކަމަށާއި، ދަތުރުތައް ކުރިއަށް ގެންދިއުމުން އެ ފަރާތުގެ އުޅަނދުފަހަރަށާއި ފަސިންޖަރުންނަށް ގެއްލުން ލިބުމުގެ ނުރައްކާ އޮތް ކަމަށެވެ.
މައްސަލަތައް ޙައްލުވުމުން ދަތުރުތައް އަލުން ފެށޭނެ ކަމަށް ޢަލީ ސަލީމް ވިދާޅުވިއެވެ.
ކޫއްޑޫ އެއަރޕޯޓް ފުރަތަމަ ހުޅުވުނީ 2012 ވަނަ އަހަރުއެވެ. 2017 ވަނަ އަހަރު، ބޮޑެތި ފްލައިޓްތަކާއި ޖެޓްތަކަށް ޖާގަ ދިނުމަށްޓަކައި ރަންވޭ ބޮޑުކުރުމަށްފަހު އެއަރޕޯޓް އަލުން ހުޅުވުނެވެ.