ޓާކޯއަކީ ޒަމާނުއްސުރެ މެކްސިކޯގައި ކައި އުޅޭ، އެމީހުންގެ އުފެއްދުމެކެވެ. ނަމަވެސް މިހާރު މިއީ މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޝްހޫރު، މީރު، ލުއި ކާއެއްޗެކެވެ. އެގޮތުން މިފަހަރު މިއޮތީ ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކެވޭނެ ޗިކަން ޓާކޯސް ރެސިޕީއެކެވެ.

ޓާކޯއެއް މީރުވާނީ އޭގައި ބޭނުންކުރާ ޝެލް ނުވަތަ ރޮށިގަނޑު މީރު ވެގެންނެވެ. އެގޮތުން މި ރެސިޕީގައި ބޭނުންކޮށްފައި މިވަނީ އަހަރުމެންގެ އެއް ބައިވެރިއެއް ކަމަށްވާ ބްލެކްގޯލްޑް ފުޑްސްގެ ފަރާތުން ލިބިފައިވާ، އޯލްޑް އަލް ޕާސޯ ކްރަންޗީ ޓާކޯ ޝެލްސްއެވެ. މި ޕެކްގައި ވަގުތުން ކާލެވޭ 12 މުރަނަ ޓާކޯ ޝެލް ހުރެއެވެ. މިއީ ވަރަށް މީރު ރަހައެއް ލާ އަދި އެހާ އަވަހަށް ވަކަ ނުވާ ޓާކޯ ޝެލް ތަކެކެވެ. އަދި މިއީ އަވަހަށް ކާއެއްޗެއް ހަދާލަން ޖެހޭ ދުވަސްތަކުގައި ބޭނުންކޮށްލަން ބަހައްޓަން ރަނގަޅު އެއްޗެކެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 5 ޓާކޯއެވެ.

ބޭނުންވާ ތަކެތި:

ކުކުޅު ހެދުމަށް

300 ގްރާމް ބޯންލެސް ކުކުޅު

½ ސައިސަމުސާ ލޮނު

½ ސައިސަމުސާ ގަރލިކް ޕައުޑަރ

½ ސައިސަމުސާ ޕަޕްރީކާ

3/2 ސައިސަމުސާ ތެޅި މިރުސް

¼ ސައިސަމުސާ މުގުރި ދިރި

¼ ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ލުނބޯ ހުތް

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

ޓާކޯ ހެދުމަށް

½ މެދުމިނުގެ އެވޮކާޑޯ

1.5 މެދުމިނުގެ ޓޮމާޓޯ

¼ މެދުމިނުގެ ފިޔާ

1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް

1 ސައިސަމުސާ ލުނބޯ ހުތް

5 އޯލްޑް އަލް ޕާސޯ ކްރަންޗީ ޓާކޯ ޝެލްސް

ސޯސް ހެދުމަށް

3 ލޮނުމެދު

4 މޭޒުމަތީ ސަމުސާ މަޔޮނައިޒް

1 ސައިސަމުސާ ލުނބޯ ހުތް

¼ ސައިސަމުސާ ޕަޕްރީކާ

ހަދާނެގޮތް:

1. ޓާކޯ ސީޒަނިންގް ހެދުމަށްޓަކައި ކުޑަ ބޯތަށްޓަކަށް ½ ސައިސަމުސާ ގާރލިކް ޕައުޑަރ، ½ ސައިސަމުސާ ލޮނު، ½ ސައިސަމުސާ ޕަޕްރީކާ، 3/2 ސައިސަމުސާ ތެޅި މިރުސް، ¼ ސައިސަމުސާ މުގުރި ދިރި އަދި ¼ ސައިސަމުސާ މުގުރި އަސޭމިރުސް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލުމަށް ފަހު އެއްކައިރިއެއްގައި ބަހައްޓާށެވެ.

2. 300 ގްރާމް ބޯންލެސް ކުކުޅު ގަނޑު ފިލުވާލުމަށް ފަހު ހިމަ ދިގުކޮށް ކޮށާފައި ދޮވެލާށެވެ. އަހަރުމެން ކޮށާލީ ގާތްގަނޑަކަށް 1 އިންޗި ދިގު އަދި 1 ސެންޓިމީޓަރުގެ ފުޅާ މިނަށެވެ.

3. ދެން ކުކުޅުކޮޅު ބޯތަށްޓަކަށް އަޅާލުމަށް ފަހު ކުރިން ތައްޔާރުކޮށްލި ޓާކޯ ސީޒަނިންގް އާއި 1 ސައިސަމުސާ ލުނބޯ ހުތް އޭގެ ތެރެއަށް އަޅާލާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

4. ތަވަޔަކަށް 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް އަޅާލުމަށް ފަހު ހޫނުކޮށްލާށެވެ.

5. ތެޔޮކޮޅު ހޫނުވުމުން ކުކުޅުކޮޅު ތަވަޔަށް އަޅާލާށެވެ. އަދި 8 މިނެޓް ވަންދެން ނުވަތަ ގަދަ ރަން މުށި ކުލައެއް އަރަންދެން ރޯފިލުވާލާށެވެ.

6. ކުކުޅުކޮޅު ރޯފިލުމުން ތަށްޓަކަށް ނެގުމަށް ފަހު ފަސް ބަޔަށް ބަހާލާށެވެ.

7. ދެން މެދު މިނުގެ ½ އެވޮކާޑޯ، 1.5 ޓޮމާޓޯ، އަދި ¼ ފިޔާ ކުދިކޮށް، ގޮޅިކޮށް ކޮށާލުމަށް ފަހު ކުޑަ ބޯތަށްޓަކަށް އަޅާލާށެވެ.

8. އަދި އެތަށްޓަށް 1 ސައިސަމުސާ ލުނބޯ ހުތް އަދި 1 ސައިސަމުސާ ކުދިކޮށް ކޮށާފައި ހުރި ކޮތަނބިރި ފަތް އަޅާލާފައި ސަމުސަލެއް ބޭނުންކޮށްގެން މަޑުމަޑުން ޗަސްކުރަމުން ހުރިހާ އެއްޗެއް އެއްކޮށްލާށެވެ.

9. ޓާކޯތައް ތައްޔާރުކުރުމަށްޓަކައި ކުރިން ބަހާލި ކުކުޅުކޮޅު 5 އޯލްޑް އަލް ޕާސޯ ކްރަންޗީ ޓާކޯ ޝެލްސްތަކުގެ ތެރެއަށް އަޅާލާށެވެ.

10. ދެން ކުކުޅުތަކުގެ މައްޗަށް އެއްކޮށްލި ޓޮމާޓޯ އާއި އެވަކާޑޯތައްވެސް ބަހާލުމަށް ފަހު އަޅާލާށެވެ.

11. އެއަށް ފަހު ސޯސް ތައްޔާރުކުރުމަށް 3 ލޮނުމެދު މިކްސަރަށް އަޅާފައި ފުނޑާލާށެވެ. މިކަމަށް ނަގާނީ ގާތްގަނޑަކަށް 30 ސިކުންތެވެ.

12. ދެން މިކްސަރަށް 4 މޭޒުމަތީ ސަމުސާ މަޔޮނައިޒް، 1 ސައިސަމުސާ ލުނބޯ ހުތް އަދި ¼ ސައިސަމުސާ ޕަޕްރީކާ އަޅާލުމަށް ފަހު އަނެއްކާވެސް 20 ނުވަތަ 30 ސިކުންތު ވަންދެކަށް ފުނޑާލާށެވެ.

13. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވެ ސޯސް ހެދުމުން ކުޑަ ބޯތަށްޓާކަށް އަޅާލުމަށް ފަހު ޓާކޯއާ އެކީ ކާލާށެވެ.

މައުލޫމާތު: ލޮނުމެދު.ކޮމް