ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަޕްލިމަންޓަރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޒަމީރު މިހެން އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބަދަލުވުމުގައެވެ.

މިނިސްޓަރ ޒަމީރު ވިދާޅުވީ މަސައްކަތް ކުރަމުން ދަނީ ވީހާވެސް ކުޑަ އަދެއް ޖަހައިގެން ސަޕްލިމަންޓްރީ ބަޖެޓް ހުށަހެޅުމަށް ކަމަށެވެ. މިނިސްޓަރ ޒަމީރު ވިދާޅުވީ ދައުލަތުގެ ޚަރަދުކުޑަ ނުކުރެވިއްޖަނަމަ ސަޕްލިމެޓަރީ ބަޖެޓު 10 ބިލިއަން ރުފިޔާއަށް އަރައިގެން ހިނގައިދާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރީއްޔާ އަޅުއްވަމުންދާ ފިޔަވަޅުތަކާއެކު އެއަދަދަށް ނާރާނެ ކަމުގެ ޔަޤީންކަން އެބައޮތް" މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

"ސަޕްލިމެންޓްރ ބަޖެޓެއްގެ މަސައްކަތް ކުރަމުން އެބަދަން. އަޅުގަނޑަށް ހީވަނީ 5 ބިލިއަން ރޭންޖުގައި ހެން އަޅުގަނޑުމެން މިދާގޮތުންނަމަ، ތިރިކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް. 10 ބިލިއަނަކަށް ނުދާނެ. އަޅުގަނޑުމެން ފޯކާސްޓުތަކުން ދައްކަނީ ރެޝަނަލައިޒް ސްޕެންޑިން ކުރެވި ރައީސްގެންނެވި ހަރުދަނާ އިސްލާހުތަކާއި އެކުގައި" ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މި ވޭތުވެދިޔަ އަހަރުތަކުގައި، ދައުލަތުގެ ބަޖެޓުން ޚަރަދުތައް ފޫނުބެއްދޭތީ ކޮންމެ އަހަރަކުވެސް ދިޔައީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަމުންނެވެ.

މި ހިނގާ 2024 ވަނަ އަހަރަށް ބަޖެޓް ފާސްކުރީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. މި އަހަރަށް ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ކުރީގެ ސަރުކާރުން 2023 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއް އޭރު ފާސްކުރިއެވެ.