ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިއަހަރުގެ ނޮވެމްބަރު މަހު "އެމްއެންޔޫ ފަހި ފުރުސަތު" ގެ ނަމުގައި ޖޮބް ފެސްޓިވަލްއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.
މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 14 އާއި 15 ވަނަ ދުވަހުއެވެ. "އެމްއެންޔޫ ފަހި ފުރުސަތު" އަކީ ރާއްޖޭގައި ވަޒީފާ ފޯރުކޮށްދޭ ފަރާތްތަކާއި ވަޒީފާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ ފެސްޓިވަލްއެކެވެ. މި ފެސްޓިވަލްގައި ވަޒީފާ ދޭ ފަރާތެއްގެ ގޮތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރީ ކުރެވޭނެ ގޫގަލް ފޯމެއް ހުޅުވާލާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. ވަޒީފާ ދޭ ފަރާތްތަކަށް ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހެވެ.
މި ފެސްޓިވަލްގެ މަޤްޞަދަކީ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަތުމާއި، ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތަކަށް ވަޒީފާ ދޭ ފަރާތްތަކާ ބައްދަލުކޮށް މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ފެސްޓިވަލްއާ ގުޅޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.