ގދ. ނަޑެއްލާ ޖެޓީ މަގުގައި ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ފުލުހުން އިތުރަށް ބުނީ އެ އެކްސިޑެންޓްގައި 3 މީހުންނަށް އަނިޔާވެ، އޭގެ ތެރެއިން ދެ މީހަކު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.

އަދި ނަޑެއްލާ ޖެޓީ މަގުން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، މަޑުކޮށްފައި އޮތް ރަށު ޕިކަޕެއް ކައިރީގައި ހުރި މީހެއްގެ ގައިގައި ޖެހިފައިވާ ކަމަށް ރޭ ދަންވަރު 12:05 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނާއި (ދެ މީހުންވެސް 18 އަހަރު) އަދި ޕިކަޕް ކައިރީގައި ހުރި މީހާ (47 އަހަރު) އަށް އަނިޔާވެގެން ތިނަދޫ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ ސައިކަލް ދުއްވާފައިވަނީ ލައިސަންސް ނެތް މީހެއްކަމަށެވެ. އަދި ސައިކަލް ދުއްވި މީހާއާއި ޕިކަޕް ކައިރީގައި ހުރި މީހާ މިއަދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ،

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.