ސަރަހައްދުގެ ގައުމުތަކަށް ދިމާވާ މައްސަލަތަކުގައި ސަރަހައްދީ ގުޅުން ބަދަހި ކުރުމަށް ޕާކިސްތާން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން ދިފިއެވެ. ޕާކިސްތާނުން މިފަދައިން ހާމަކޮށްފައި ވަނީ ކޮވިޑް19 މެނޭޖްމަންޓާ ބެހޭ ސަރަހައްދީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ޕާކިސްތާންގެ ބޮޑު ވަޒީރު ސްޕެޝަލް އެސިސްޓެންޓް ފައިސަލް ސުލްތާން އެވެ.

ކޮވިޑް19 މެނޭޖްކުރުމުގެ ތަޖުރިބާތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ބައްދަލުވުން އިންތިޒާމް ކޮށްފައިވަނީ އިންޑިއާއިންނެވެ.

މި ބައްދަލުވުމުގައި އަފްޣާނިސްތނާއި ބަންގްލަދޭޝްއާއި ބޫޓާނާއި އިންޑިއާއާއި ރާއްޖެއާއި މޮރީޝިއަސްއާއި ނޭޕާލް ޕާކިސްތާން އަދި ސީޝެލްސްއާއި ސްރީލަންކާ ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީ ވަނީ ފަސް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެގޮތުން ސަރަހައްދީ ގައުމުތަކުގެ ދެމެދު އެއަރ އެމްބިއުލޭންސްގެ ޚިދުމަތް ފެށުމަށް ހުށަހެޅުއްވި ހުށަހެޅުމާއި، އަދި ޑޮކްޓަރުންނާއި ނަރުހުންގެ ޚިދުމަތަށް އެދިގެން ގައުމަކުން އެދެފިނަމަ، އެ ފަރާތްތަކަށް ފަސޭހައިން ވިސާދިނުމާއި އަދި ކޮވިޑް ވެކްސިން ދިނުމާ ގުޅިގެން ޑޭޓާ މެނޭޖްކޮށް ދިރާސާ ކޮށް މުސްތަގްބަލުގައި ދިމާވެދާނެ ވަބާއަކަށް ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބުމާއި އާންމު ސިއްޙަތާ ބެހޭ ކާޟިޔާބު ތަޖުރިބާތައް އެއްބަޔަކު އަނެއް ބަޔަކާ ޙިއްސާ ކުރުން ހިމެނެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ހުރިހައި ފަރާތަކުން ވަނީ މިހުށަހެޅުންތަކަށް ތާއީދުކޮށްފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ ތެރޭން ޕާކިސްތާން ފިޔަވައި ދެން ތިބި ހުރިހައި ގައުމަކީވެސް އިންޑިއާއިން ކޮވިޑާ ގުޅިގެން ދިން ހިލޭ ބޭހާއި ވެކްސިން ލިބުނު ގައުމުތަކެވެ.