ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި ކުންފުނީގެ އިސްވެރިން، ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަދި ށ. މިލަންދޫ ރަށު ކައުންސިލުގެ މެންބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ދެ ފަރާތުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކުގެ އިތުރުން، މިހާރު ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންއިން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ދިވެހިރާއްޖޭގެ 157 ރަށެއްގައި ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. އަދި އެ ކުންފުނިން ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ ކަރަންޓު ވިއުގަ އަދުގެ ޓެކްނޮލޮޖީއާ އެއްގޮތަށް އަޕްގްރޭޑުކުރުމާއި، އައު އިންޖީނުތައް ރަށްރަށަށް ހޯދުމުގެ މަސައްކަތްތަކާއި އިންޖީނުގެތަކާއި އޮފީސްތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ހިދުމަތްތައް ޒަމަނީ ކުރުމުގެ ގޮތުން ސްމާޓް މީޓަރު ގާއިމްކުރުމާ ސޯލާ ޓެކްނޮލޮޖީގެ ސިސްޓަމްތައް ރާއްޖޭގެ އަކި ހިސާބުތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ.