ޝަކްޝުކާއަކީ ހުޅަނގު އެފްރިކާއާއި މެދު އިރުމަތީ ހިސާބުތަކުގައި އާންމުކޮށް ހެނދުނުގެ ނާސްތާއަށް ކައި އުޅޭ އެއްޗެކެވެ. މިއީ ޓޮމާޓޯ ސޯސްއެއްގެ ތެރޭގައި ބިސް ކައްކައިގެން ތައްޔާރުކުރާ ކެއުމެކެވެ. ޝަކްޝުކާ އާންމުކޮށް ކާނީ ޕާނާ އެކީ ޖަހައިގެންނެވެ.

މި ރެސިޕީއިން ތައްޔާރު ކުރެވޭނީ: 3-2 މީހުންނަށް ވާވަރަށެވެ.

ބޭނުންވާ ތަކެތި:

1 ކުޑަ ފިޔާ ގޮޅިކޮށް ކޮށާފައި

3/1 ޖޯޑު ބެލް ޕެޕާރ ގޮޅިކޮށް ކޮށާފައި

3 ބޮޑު ޓޮމާޓޯ

3 ލޮނުމެދު ކުދިކޮށް ކޮށާފައި

½ 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ޕެކެޓް މަހަލް ޓޮމާޓޯ ޕޭސްޓް (70 ގްރާމް)

¼ 1 ސައިސަމުސާ ލޮނު

¼ ސައިސަމުސާ މުގުރި އަސޭމިރުސް

¼ ސައިސަމުސާ މުގުރި ދިރި

½ ސައިސަމުސާ ހަކުރު

½ މުގުރި ރާޅު މިރުސް

2 ބިސް

2 މޭޒުމަތީ ސަމުސާ ޕާރސްލީ ކޮށާފައި

ހަދާނެ ގޮތް:

1. އެންމެ ފުރަތަމަ ފިޔާ، ބެލް ޕެޕާރ، އަދި ޓޮމާޓޯ ގޮޅިކޮށް ކޮށާލާށެވެ. ދެން ކުދިކޮށް ލޮނުމެދާއި ޕާރސްލީވެސް ކޮށާލާށެވެ.

2. ތަވައެއްގައި ½ 1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް ހޫނު ކޮށްލާށެވެ. ދެން ފިޔާ، ބެލް ޕެޕާރ އަދި ލޮނުމެދު އަޅާފައި، މެދު ގިނީގައި ފިޔާ މަޑުވަންދެން ހަލަމުން ކައްކާށެވެ. މިކަމަށް ގާތްގަނޑަކަށް 8 މިނެޓް ނަގާނެއެވެ.

3. ދެން 1 ޕެކެޓް މަހަލް ޓޮމާޓޯ ޕޭސްޓް އަޅާލުމަށް ފަހު އެއްކޮށްލާށެވެ. އިތުރު އެއް މިނެޓަށް ކައްކާލާށެވެ.

4. އެއަށްފަހު ކޮށާފައިވާ ޓޮމާޓޯކޮޅު އަޅާލާށެވެ. ދެން 2 މިނެޓް ވަންދެން ނުވަތަ ޓޮމާޓޯކޮޅު މަޑުވެ ސޯސްގަނޑަކަށް ވަންދެން ކައްކާލާށެވެ.

5. ސޯސްގަނޑަށް ލޮނު، މުގުރި އަސޭމިރުސް، މުގުރި ދިރި، ހަކުރު، އަދި މުގުރި ރާޅު މިރުސް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ދެން 30 ސިކުންތު ވަންދެން ކައްކާލާށެވެ.

6. އެއަށްފަހު ސަމުސަލެއް ބޭނުންކޮށްގެން ސޯސްގަނޑުގައި 2 ވަޅު ހަދާލާށެވެ. ދެން ކޮންމެ ވަޅެއްގެ ތެރެއަށް 1 ބިސް ތަޅާލާށެވެ. ބިސް މާބޮޑަށް ފެތުރެން ފަށާނަމަ ބޮޑަށް ސޯސްބައި ކައިރިއަށް ޖައްސާލާށެވެ.

7. ދެން ތަވައިގައި މަތިޖަހާފައި ބިސް މެދުމިނަކަށް ރޯފިލަންދެން ބަހައްޓާށެވެ. އަހަރުމެން ބިސް ކެއްކީ 2 މިނެޓް ވަންދެންނެވެ. ނަމަވެސް ބޭނުންވާނަމަ މިއަށްވުރެ ކުޑަ އިރުކޮޅަކަށް ނުވަތަ ބިސް އެއްކޮށް ރޯފިލަންދެންވެސް ކެއްކިދާނެއެވެ.

8. ހިތްހަމަޖެހޭ ވަރަކަށް ބިސް ކެކުމުން ތަވައިގެ މަތި ނަގާށެވެ. ދެން ކޮށާލި ޕާރސްލީކޮޅު އޭގެ މައްޗަށް އަޅާލާށެވެ. އަދި މަޑު މަޑުން ޕާރސްލީކޮޅު ސޯސްގެ ތެރެއަށް ފިތާލާށެވެ. އެއަށްފަހު އުނދުން ނިވާލާށެވެ.

މައުލޫމާތު: ލޮނުމެދު.ކޮމް