އިމާރާތާ ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އަދި ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިސާލް، އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ، އަދި މަރަދޫ-ފޭދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ޓެކްނިކަލް ޓީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ކުރިއަށްގެންދެވޭ އަދި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި ގުޅޭގޮތުންކަމަށް އިމާރާތާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން، ފޭދޫ، މަރަދޫ، އަދި މަރަދޫ-ފޭދޫގައި ހިންގޭ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލް މެންބަރުން ހިއްސާކުރެއްވިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި ރަށްތަކުގެ އުމްރާނީ ތަރައްޤީއާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކާއި އިޖްތިމާޢީ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތަކުގެ އިތުރުން އައްޑޫ ލިންކް ރޯޑުގައި މިވަގުތު ކުރަންޖެހޭ މުޙިއްމު މަރާމާތްތަކުގެ ކަންކަން ހިމެނެއެވެ.

އައްޑޫ ގުޅިފައިވާ ރަށްތަކުގެ ލިންކްރޯޑް ގުޅޭ ހިސާބަށް ލޮނުއަރާ ގިރަމުންދާތީ މިކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން އެ ވުޒާރާއަށް ހިއްސާކުރެއްވިކަމަށް ވިދާޅުވިއެވެ.

މިފަދަ ބައްދަލުވުންތަކުގެ ސަބަބުން އިމާރާތާ ބިނާރާ ބެހޭ ވުޒާރާއާއި އައްޑޫ ސިޓީ ކައުންސިލްތަކުގެ އިސްވެރިންނާއި ދެމެދު އޮންނަ ގުޅުންތައް ވަރުގަދަވެ މަޝްރޫއުތައް ހިންގައި ނިންމުމުގައި ސަރުކާރަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.