ހަލިސުފުރާގައި މިއަދު މި ގެނެސްދެނީ "ބޭކްޑް އެންޑް ޗީޒް" ތައްޔާރު ކޮށްލާނެ ގޮތެވެ. މިއީ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ބާސްތާއެކެވެ. މެންދުރު ނުވަތަ ރޭގަނޑު ކެއުމަށްވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

(މި ރެސިޕީގައި ތަކެތި ބޭނުން ކުރަން ދީފައިވާ އަދަދުން ތައްޔާރު ކުރެވޭނީ: 4-3 މީހުންނަށް ވާވަރަށެވެ).

ބޭނުންވާ ތަކެތި:

ޕާސްތާ ކެއްކުމަށް

4 ޖޯޑު ފެން

2 ސައިސަމުސާ ލޮނު

250 ގްރާމް އަގްނޭސީ ޑުރުމް ވީޓް ސެމޮލީނާ ޕާސްތާ (އެލްބޯ ޝޭޕް)

ޕާސްތާ ސޯސް ހެދުމަށް

¼ ޖޯޑު ބަޓަރ

3 ލޮނުމެދު (ކުދިކޮށް ކޮށާފަ)

2 މޭޒުމަތީ ސަމުސާ ފުށް

2 ޖޯޑު ފުލް ކްރީމް ކިރު

1 ސައިސަމުސާ މުގުރި އަސޭމިރުސް

2 ސައިސަމުސާ މުގުރި ރާޅު މިރުސް

½ ސައިސަމުސާ އޮރިގާނޯ

½ ސައިސަމުސާ ލޮނު

1 ޖޯޑު ގާނާފަ ހުރި ޗެޑަރ ޗީޒް

ޕާސްތާގެ މައްޗަށް އެޅުމަށް

½ ޖޯޑު ގާނާފަ ހުރި މޮޒަރެއްލާ ޗީޒް

½ ޖޯޑު ގާނާފަ ހުރި ޗެޑަރ ޗީޒް

ހަދާނެ ގޮތް:

1. ތެއްޔަކަށް 4 ޖޯޑުގެ ފެން އަޅާފަ ފެން ކައްކާށެވެ.

2. ފެން ކެކި ބޮކި އަރަން ފެށުމުން އެއަށް 2 ސައިސަމުސާ ލޮނާއި ޕާސްތާކޮޅު އަޅާލާށެވެ. ޕާސްތާ 9 މިނެޓް ވަންދެން ކައްކާފަ ފުރާނާލާށެވެ.

3. ދެން ތަވަޔަކަށް ¼ ޖޯޑު ބަޓަރ އަޅާ ހޫނު ކޮށްގެން އެ ދިޔާކޮށްލާށެވެ. އެއަށްފަހު ލޮނުމެދުކޮޅު އަޅާފަ މެދު ގިނީގައި 1 މިނެޓް ވަންދެން ކައްކާށެވެ.

4. ދެން އެއަށް 2 މޭޒުމަތީ ސަމުސާ ފުށް އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. ފުށް ކައްކާނީ މެދު ގިނީގައި 2 މިނެޓް ވަންދެން ނުވަތަ އެ މަޑު ރަން ކުލައަކަށް ބަދަލުވެ، ބޮކިއަރަން ދެންނެވެ.

5. ދެން ފުލް ކްރީމް ކިރު ފުށްކޮޅުގެ ތެރެއަށް އަޅާށެވެ. އަޅާނީ ހުރިހާ ކިރެއް އެއްފަހަރާ އެޅުމުގެ ބަދަލުގައި ބަހާލައިގެން އެތިކޮޅުކޮޅުންނެވެ. ކިރު އަޅާއިރު ގެންދަންވާނީ ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރަމުންނެވެ. ދެން 3-4 މިނެޓް ވަންދެން ނުވަތަ ބޮކި އަރަންދެން މެދު ގިނީގައި ހަލަމުން ކައްކާށެވެ.

6. އެއަށްފަހު އަސޭމިރުހާއި، މުގުރި ރާޅު މިރުހާއި، އޮރިގާނޯއާއި، އަދި ލޮނު އަޅާށެވެ. ދެން އެ ތަކެތި ކިރާއި އެއްކޮށް އެއްވަންދެން ކައްކާލާށެވެ.

7. ދެން 1 ޖޯޑު ގާނާފަ ހުރި ޗެޑަރ ޗީޒް ސޯސްގަނޑަށް އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. ޗީޒް އެޅީމައި ސޯސްގަނޑު އޮލަވެ އޮމާން ވާން ފަށާނެއެވެ.

8. ކުރިން ކެއްކި ޕާސްތާކޮޅު ސޯސްގަނޑުގެ ތެރެއަށް އަޅާށެވެ. ޕާސްތާއާއި ސޯސް އެއްކޮށް އެއްވަންދެން އެއްކޮށްލާށެވެ.

9. °C200 އަށް އަވަން ލާފަ 10 މިނެޓް ވަންދެން ހޫނު ކުރަން ޖައްސާށެވެ.

10. 6.5×8.5 އިންޗި ބޭކިންގ ޓްރޭއަކަށް ކުރިން ކެއްކި ޕާސްތާ އަޅާލާށެވެ.

11. ދެން އޭގެ މައްޗަށް ½ ޖޯޑު ގާނާފަ ހުރި މޮޒަރެއްލާ ޗީޒްއާއި ½ ޖޯޑު ގާނާފަ ހުރި ޗެޑަރ ޗީޒް އަޅާ، އެއްވަރުކޮށް ފަތުރާލާށެވެ.

12. އެއަށްފަހު އަވަނަށް ލާފަ ހަމަ °C200 ގައި 20 މިނެޓް ވަންދެން ފިހެލާށެވެ. ޕާސްތާގެ މަތި ރަން ކުލައަކަށް އަރާފަ ކުޑަކޮށް ބޮކިއަރަން ފެށުމުން އަވަނުން ނަނގާށެވެ. މި ޕާސްތާ އެންމެ މީރު ވާނީ ހޫނުކަންމަތީ ހުންނައިރު ކެއުމުންނެވެ.