އެމެރިކާއިން ޗައިނާއަށް ކުރިއަރާފައިވާ ކޮމްޕިއުޓަރ ޗިޕް ނުލިބޭ ގޮތަށް ގަވާއިދުތައް ހަރުކަށިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނިކޮށް ޗައިނާއިން އެއް ކުޅި ކުރިއަށް ކުޅެލައިފިއެވެ. ޗައިނާއިން ވަނީ ކޮމްޕިއުޓަރ ޗިޕް އުފެއްދުމަށް ބޭނުންވާ އެންމެ ނާދިރު އަދި އެންމެ މުހިންމު 3 މައުދަނެއް ޗައިނާއިން ބޭރުކުރުން ކޮންޓްރޯލު ކޮށްފައެވެ.

ޗައިނާއަކީ ކޮމްޕިއުޓަރު ޗިޕް އުފެއްދުމުގައި ބޭނުންކުރާ ހުރިހައި މައުދަނެއްހެން ސާފުކޮށް ޕްރޮސެސްކޮށް ދުނިޔޭގެ ބާޒާރަށް ވިއްކާ ހަމައެކަނި ޤައުމެވެ. މި މައުދަންތަކަށް ޗައިނާގެ ފުރިހަމަ ކޮންޓްރޯލު އޮވެއެވެ. އެހެން ޤައުމުތަކުން ނަގާ މައުދަންވެސް ސާފު ކުރަނީ ޗައިނާއަށް ގެނަސްގެންނެވެ.

ޗައިނާއިން އަޅާފައިވާ ފިޔަވަޅުގައި ބުނެފައި ވަނީ މި މައުދަންތައް އެކްސްޕޯޓު ކުރަން ބޭނުންވާ ފަރާތުން އެ މައުދަނެއް ބޭނުން ކުރާނެ އެއްޗަކާއި ފޮނުވާ ޤައުމަކާއި އެއިން އުފައްދާ އެއްޗެއްގެ މައުލޫމާތު ބޭރުކުރުމުގެ ކުރިން ދޭން ވާނެ ކަމަށެވެ. ޗައިނާގައި މައުދަން ނަގާ ބޭރު ކުންފުނިތަކަށްވެސް މި އުސޫލު ހިނގާނެއެވެ.

އަދި ނާދިރު މަޢުދަނާ ބެހޭ މައުލޫމާތަކީ ސިއްރު ކުރަން ޖެހޭ މަޢުލޫމާތެއްކަމާއި އެމަޢުލޫމާތު ބޭރަށް ދީގެން ނުވާނެ ކަމަށްވެސް ޤައުމީ ސަލާމަތާ ބެހޭ މިނިސްޓްރީން އަންގާފައި ވެއެވެ.

މިދިޔަ މަހު ވައިޓްހައުސްއިން ބުނެފައި ވަނީ މުހިންމު ނާދިރު މައުދަންތައް ޗައިނާއިން ކޮންޓްރޯލު ކޮށްގެން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ގިއްގަޅުވާލައިފި ކަމަށެވެ. އަދި އެކަމުން ދުނިޔޭގެ ސަޕްލައި ޗޭނަށް ބުރޫ އަރާނެ ކަމަށްވެސް ވައިޓްހައުސްއިން ބުންޏެވެ.

މިހާރު ސުއާލު އުފެދެނީ އެމެރިކާގެ އެފް35 ގެ މަތިންދާބޯޓާއި ބެޓެރިން ދުއްވާކާރާއި ވައިން ހަކަތަ އުފައްދާ ބުރަފައްތި އުފައްދަން ބޭނުންވާ މާއްދާތައް ދެން ލިބޭނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެއަށް 2040ގައި މިމައުދަންތައް ދެގުނަ އިތުރަށް ބޭނުންވާނެއެވެ.

އެމެރިކާގެ މޮޅު ޗިޕް އުފައްދާ ދުނިޔޭގެ މިހާރު އެންމެ މުއްސަނދި ކުންފުނި އެންވީޑިއާގެ ޗިޕްތަކަށް ބޭނުންވާ ނާދިރު ޑައިސްޕްރޯސިމް ކިޔާ މާއްދާއެއް ލިބެނީ ހަމައެކަނި ޗައިނާއިންނެވެ. މިއީ 100 ޑޮލަރަށް ރާތަލެއްގެ މަގުން ވިއްކާ މައުދަނެކެވެ!

ޗައިނާއަކީ ނާދިރު މައުދަންތަކާ ބެހޭ ކޯސްތައް ހިންގުމުގައިވެސް އެންމެ ކުރިއަރާފައިޥާ ގައުމެވެ. ޗައިނާގެ 39 ޔުނިވަރސިޓީއެއްގައި މިކަމަށް އާދަވެގެން މީހުން ތަމްރީނު ކުރާ ޑިގްރީ ކޯސްތައް ހިންގައެވެ. އެއާ ޚިލާފަށް އެމެރިކާގައި ނާދިރު މައުދަންގެ ކޯސްތައް ހިންގަނީ ދޭތެރޭންނެވެ.