މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަށް ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާގެ ދީނާއި ޤައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިވަގުތަކީ، މިސް ޔުނިވާސްގެ ނަމުގައި ބާއްވާ ހަރަކާތެއްގައި ދިވެއްސަކު ބައިވެރިވުމާއި ގުޅިގެން ރާއްޖޭގެ ގިނަބަޔަކު އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެކެވެ.
"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ “އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ". ރައީސް ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.