ފަހަކަށް އައިސް އާސަހަރާ މިސްކިތް ކައިރީގައި ބައެއް ކުންފުނިތަކުގެ ވެހިކަލްތައް ހަފްތާ ބަންދާ ދިމާކޮށްޕާކުކޮށްފައި ބޭއްވުމުގެ ސަބަބުން ނަމާދަށް އަންނަ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށް ބުނެ މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވެނީ އެމްޑަބްލިއުއެސްސީގެ ކުދި ޕިކަޕްތައް މިސްކިތް ކައިރީގައި ޕާކުކޮށްފައި ބޭއްވުމެވެ. މީގެ ސަބަބުން މިސްކަތައް ނަމާދަށް އަންނަ ފަރާތްތަކަށް ސައިކަލް ޕާކު ކުރުމަށް ވަރަށް ބޮޑަށް ދަތިވެއެވެ. މި ވެހިކަލްތަކަކީ ބުރާސްފަތި ދުވަހުގެ މަސައްކަތް ނިންމުމަށްފަހު އެތަނުގައި ޕާކުކޮށްފައި ބާއްވާ ވެހިކަލްތަކެއް ކަމަށާއި، މި ވެހިކަލްތައް އަނެއްކާ ނަގަނީ ހޮނިހިރު ދުވަހުގެ ހެނދުނު މަސައްކަތް ފެށުމާ ގުޅިގެން ކަމަށް ސޯޝިއަލް މީޑިޔާގައި މިކަމާ ގުޅިގެން ޝަކުވާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

މިކަމާ ގުޅިގެން ފެން ކުންފުނީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

އާސަހަރާ މިސްކިތް ހިމެނޭ ސަރަޙައްދަކީ ނަމާދަށް އަންނަ މީހުންގެ ސައިކަލުތަކުން އާންމުކޮށް ހުރިހާ ނަމާދު ވަގުތެއްގައިވެސް ފުރޭ ސައިކަލު ޕާކިންގ ޒޯނެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޖަނާޒާތައް އޮންނަ ވަގުތުތަކުގައި މި ސަރަޙައްދުގައި ޕާކިންގގެ ދަތިކަން އިތުރަށް ބޮޑުވެއެވެ.