ގދ. ފިޔޯރީގައި މަސް ޕްރޮސެސިންގ ފެސިލިޓީއަކާއެކު 3000 ޓަނުގެ މަސް ރައްކާ ކުރެވޭނެ ސްޓޭރޯޖެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވަޒީރު ޝިޔާމް ވިދާޅުވީ ފިޔޯރީގައި ޤާއިމް ކުރާ މަސް ޕްރޮސެސިންގ ފެސިލިޓީ އާއި ސްޓޯރޭޖުގެ ސަބަބުން ހުވަދޫ އަތޮޅާއި އައްޑު އަތޮޅުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މަސްވެރިންގެ ވަރަށް ބޮޑު ޝަކުވާއެއް މިއީ، އައްޑޫ ކަނޑުން މަސްބާނާގައިގެން ކޫއްޑޫ އާއި ހިސާބަށް ދާން އެ އަންދަން ޖެހޭ ތެޔޮ، އެއީ ވަރަށް ބޮޑު ހޭދައެއް ގޮތުގައި މަސްވެރިން ފާހަގަ ކުރަނީ. އަބަދުވެސް ވަރަށް ބޮޑަށް އެދޭ ގދ ގެ އެހިސާބުގައި، ފިޔޯރީ، ފަރެސްމާތޮޑާ، އެހިސާބުގައި މަސްވެރިން އަތުން މަސް ގަންނާނެ ފެސިލިޓީއެއް ޤާއިމް ކުރުން. މިއީ ވަރަށް ގިނަ ދުވަސްތަކެއްވެއްޖެ އެދޭ އެދުމެއް. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިހާރު މިދަނީ ފިޔޯރީގައި ތިން ހާސް ސްޓޯރޭޖުގެ ފެސިލިޓީއަކާއެކު 100 ޓަނުގެ ޕްރޮސެސިންގ ފެސިލިޓީއެއް ޤާއިމު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ އެކީގައި ކުރަމުން" ނޫސްވެރިންގެ ބައްދަލު ވުމުގައި ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވީ ގދ. ތިނަދޫގައި 1000 ޓަނުގެ ސްޓޯރޭޖެއް ޤާއިމު ކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ގއ.ކޫއްޑޫގައި މިހާރު ހުރި 2000 ޓަނުގެ ސްޓޯރޭޖު، 4000 ޓަނަށް މަތި ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.