ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކާއި އެއާލައިންތަކަށް ދޭ ޚިދުމަތްތަކުން ދިވެހި ކުންފުނިތަކަށް ލިބޭ ފައިދާ އިތުރުވާ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އަމީން ވިދާޅުވީ، ރާއްޖެ އަންނަ ޖެޓުތަކާއި އެއާލައިންތަކުގެ ބޯޓުތަކަށް ހޭންޑްލިންގ ޚިދުމަތް ދިނުމަށް ދިވެހި ކުންފުނިތަކެއް ނަމުގައި ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، އެ ޚިދުމަތުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ބޭރުގެ ކުންފުނިތަކަކަށް ލިބޭ ކަމަށް ފާހަގަކުރެވޭ ކަމަށެވެ.

"ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ހިނގާ މުޢާމަލާތްތަކެއްގެ ޙަޤީޤީ ފައިދާ ދިވެހިންނަށް ނުލިބި ބޭރުގެ ބަޔަކަށް ލިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން،" ވަޒީރު އަމީން ވިދާޅުވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ރާއްޖެ އަންނަ ޖެޓުތަކާއި އެއާލައިންތަކުގެ ބޯޓުތަކަށް ޚިދުމަތް ދީގެން ލިބޭ ފައިދާގެ 100 އިންސައްތަ ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ގެންނަ ބަދަލުތަކަށް އަންނަ އަހަރުގެ ތެރޭގައި ޢަމަލުކުރަން ފަށާނެ ކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްޓަކައި ކުންފުނިތައް އޮޑިޓް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ޚިދުމަތްތައް ދޭ ކުންފުނިތަކުގެ މަސައްކަތްތައް ބަލައި މޮނިޓަރ ކުރާނެ ކަމުގައިވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވަރަށް ހަރުދަނާ ބަދަލުތަކެއް އާ އަހަރު ފެށޭއިރަށް ގެންނާނަން އަދި އިޢުލާން ކުރާނަން. އެ ގަވާއިދުތަކަށް ވެސް ބަދަލު ގެންނާނަން،" އަމީން ވިދާޅުވިއެވެ.

ވަޒީރު އަމީން އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޖެޓު އަދި އެއާލައިން ވިޔަފާރީގެ ޙަޤީޤީ ފައިދާ ދިވެހިންނަށް ލިބޭ ގޮތަށް އުސޫލުތައް ބަދަލުކުރުން ކަމަށެވެ. އަދި ދިވެހި ފަސްގަނޑުން ލިބޭ މަންފާއަކީ ދިވެހި ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަށް ލިބޭ އެއްޗަކަށް ހެދުން ކަމަށެވެ.

އެހެންކަމުން، ދިވެހިންނަށް ފައިދާ ލިބެން އޮތް ކަމެއްގައި ދިވެހި މީހާ ހަމައެކަނި ވިޔަފާރި ނަމެއްގެ ގޮތުގައި ހުރެގެން ބޭރު މީހަކަށް ފައިދާގެ ބޮޑު ބައި ލިބޭ ގޮތަށް ޢަމަލުނުކުރުމަށް އަމީން އެދިވަޑައިގެންނެވިއެވެ. ރާއްޖެއަށް އާންމު ގޮތެއްގައި ޖެޓުތައް އަންނަނީ އަހަރުގެ ފަހުކޮޅު ލިބޭ ޗުއްޓީއަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރިކޯޑު އަދަދަކަށް ޖެޓު ޖައްސައިފައިވެއެވެ.

މި ބަދަލުތަކާއެކު، ޖެޓުތަކަށް ދޭ ޚިދުމަތްތަކުން މަންފާ ލިބެނީ ދިވެހީންނާއި ދިވެހި ކުންފުނިތަކަށްކަން ޔަޤީންކުރެވޭނެ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އަދި މިކަމުން މަންފާ ލިބޭ ކުންފުނިތަކަކީ 100 އިންސައްތަ ދިވެހި ކުންފުނިތަކުގެ ގޮތުގައި ބޭއްވުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ބަދަލުތަކަކީ ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރާނެ ބަދަލުތަކެއް ކަމަށާއި، ދިވެހި ރައްޔިތުންނަށް އޭގެ ފުރިހަމަ މަންފާ ލިބޭނެ ކަމަށް ވަޒީރު އަމީން އުންމީދު ފާޅުކުރެއްވިއެވެ.