20 ވަނަ ޤަރުނުގައި ދިވެހި ރައްޔިތުން ދެކުނު ޖުމްހޫރިއްޔަތުގެ ހުވަފެން މިއަދު ޙަޤީޤަތަކަށް ވާތަން އެބަ ފެންނަކަމަށް ދިވެހިބަހާއި، ސަގާފަތާއި އަދި ތަރިކައިގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްވި ޚިޠާބުގައެވެ.
ވަަޒީރު އާދަމް ނަޞީރު ފާހަގަކުރެއްވި ގޮތުގައި ޖުމްހޫރިއްޔަތަކަށް ރައްޔިތުން ބަލައިގަތުމުގެ މާނައަކީ ޤައުމާއި އޭގެ މުސްތަޤްބަލާ ގުޅޭ ނިންމުންތައް ނިންމުމުގައި ދިވެހި ރައްޔިތުންގެ ޙިއްސާއާއި ބައިވެރިވުން އޮތުމެވެ. މިއީ 20 ވަނަ ޤަރުނުގައި ދިވެހިން އެދުނު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަށްވުރެ ޢަމަލުތައް މުހިންމުކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ މި ދުރު ރާސްތާގެ ހުވަފެން މިހާރު ޙަޤީޤަތަކަށް ވަމުން އަންނަ ކަމަށެވެ. މިކަމަށް މައިގަނޑު ތިން ސަބަބެއް ހުރިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެންމެ ފުރަތަމަ ކަމަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްޕުޅުގައި ދިވެހި ޤައުމާއި ދިވެހިންނާ ދެކެވަޑައިގަންނަވާ ގޮތް ރައްޔިތުންނާ ހިއްސާކުރައްވާ ކަމާއި، ރައްޔިތުން އެމަނިކުފާނުގެ ވެރިކަމުގެ އަމާނާތަށް ބަހައްޓާފައިވާ އިތުބާރު ފާހަގަކުރެއްވިއެވެ. މަޤާމާ ހަވާލުވުމުގެ ކުރިންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެންގެ ބައިވެރިވުމާއެކު ވެރިކަން ކުރައްވާނެކަމާއި ރައްޔިތުންގެ އިރާދައާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ވަޢުދު ވެވަޑައިގެންފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް 20 އަހަރަށް ޤައުމުގެ ތަރައްޤީގެ މަގު ދައްކައިދޭނެ ޤައުމީ ތަރައްޤީގެ ޕްލޭނެއްގެ މަސައްކަތް ފެށިފައިވާކަންވެސް ފާހަގަކުރެއްވިއެވެ. މި ޕްލޭނުގައި ހުރިހާ ދިވެހިންގެ ޚިޔާލު ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އަބަދު ވެސް އިސްކަންދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގައި ރައްޔިތުންގެ ފުޅާ ބައިވެރިވުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ބާރުއަޅުއްވާކަން ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.
މިނިވަންކަމާއި، ސަލާމަތާއި، އަދި ސަގާފަތާ ގުޅޭ ގޮތުން އަހަރެއްގެ ތެރޭގައި 10 ޤައުމީ ރަސްމިއްޔާތު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަންވެސް ވަޒީރު އާދަމް ނަޞީރު ހާމަކުރެއްވިއެވެ.