އަލަށް ފެންނަމުންދާ ކޮވިޑް-19 ވައިރަހުގެ ވޭރިއެންޓްތަކުން، ސްޕުޓްނިކްވީ ވެކްސިން މީހުން ދިފާއުކޮށްދޭ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދިޔަ ޓްރައިލްސްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ރަޝިޔާގެ ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވަނީ، ސްޕުޓްނިކްވީ ވެކްސިން، ކޮވިޑް ވައިރަހުގެ އެކި ވޭރިއެންޓްތައް ނުވަތަ މިއުޓޭޝަންތަކުން ދިފާއުކޮށްދޭ މިންވަރު ވަރަށް މަތި ކަމަށެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާ ވޭރިއެންޓްތައް، ރަޝިޔާއިން އުފައްދާފައިވާ ވެކްސިން ގުޑަނީ ކިހާ މިންވަރަކަށްތޯ، މާޗްމަހުގެ 15 ގެ ކުރިން ދެނެގަތުމަށް ރަޝިޔާގެ ރައީސް ލަޑިމިއަރ ޕޫޓިންވަނީ އަމުރުވެސް ކުރައްވާފައެވެ.

ޕޫޓިން މިކަމަށް އަމުރު ކުރެއްވީ މިދިޔަމަހުއެވެ.

ސްޕުޓްނިކްވީ ވެކްސިންއަކީ، ރަޝިޔާ ސަރުކާރުން ބޭނުންކުރަން ހުއްދަދިން ފުރަތަމަ ވެކްސިނެވެ. އަދި އެ ވެކްސިންއަކީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގެ ގައުމެއްގައި ބޭނުންކުރަން ސަރުކާރުން ރަސްމީ ހުއްދަދިން ފުރަތަމަ ވެކްސިންވެސް މެއެވެ.

ރަޝިޔާގެ ސްޕުޓިނިކްވީ ވެކްސިން ތަރައްގީކޮށް އުފެއްދި ގަމާލިއާ އިންސްޓިޓިއުޓުގެ ޑެޕިއުޓީ ޑިރެކްޓަރ ޑެނިސް ލޮގުނޯވް ވިދާޅުވީ، އެ އިންސްޓިޓިއުޓުގައި މިފަހުން ހެދި ދިރާސާތަކުން، ޔޫކޭ އަދި ސައުތު އެފްރިކާއިން ފެނިފައިވާ ވޭރިއެންޓްކާއި، އެނޫން މިއުޓޭޝަންތަކާ ދެކޮޅަށްވެސް ރަޝިޔާގެ ވެކްސިން ވަރަށް ރަނގަޅަށް މަސައްކަތް ކުރާކަން ހާމަވެފައިވާ ކަމަށެވެ.

ގަމާލިއާ އިންސްޓިޓިއުޓުން ހެދި ދިރާސާގެ ނަތީޖާ ވަރަށް އަވަހަށް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ހާމަކުރި މައުލޫމާތަކީ ޓެސްޓްތަކުން ނުކުތް ނަތީޖާއަކީ ރަނގަޅު ނަތީޖާއެއްކަން ހާމަކުރުމަށް އާންމުކުރި މައުލޫމާތު ކަމަށް ވެއެވެ.

ރަޝިޔާގެ ސްޕުޓްނިކްވީ ވެކްސިންއާ ގުޅޭގޮތުން މިފަދަ މައުލޫމާތެއް އާންމުކުރި އިރު، ފައިޒަރ-ބަޔޯއެންޓެކްގެ ވެކްސިނާއި، އެސްޓްރަޒެނެކާގެ ވެކްސިންވއަލަށް ފެންނަމުންދާ ވޭރިއެންޓްތަކާ ދެކޮޅަށް މަސައްކަތް ކުރަނީ ކިހާ މިންވަރަކަށްތޯ ދެނެގަތުމުގެ ދިރާސާތައް މިހާރުވެސް ކުރިއަށް އެބަދެއެވެ.