އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑު, 2-1 އިން ވެސްޓްހަމް އަތުން ބަލިވި މެޗުގެ ފަހު ވަގުތު ވެސްޓްހަމަށް ޕެނަލްޓީއެއް ދޭން ނިންމި ނިންމުން ރަނގަޅުނޫން ކަމަށް ޕްރިމިއާ ލީގުގެ ޗީފް ރެފްރީ އޮފިސަރު ހޮވާޑް ވެބް ބުނެފިއެވެ.
27 އޮކްޓޯބަރު ވީ ދުވަހު ކުޅުނު މި މެޗުގައި ދެ ޓީމު 1-1 އިން އެއްވަރުވަމުން ދަނިކޮށް މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ރެފްރީ ވަނީ, ޔުނައިޓެޑުގެ ޑިލިޓް, ވެސްޓްހަމްގެ ޑެނީ އިންގްސްއަށް ފައުލު ކުރި ކަމަށް ނިންމާ, ވެސްޓްހަމަށް ޕެނަލްޓީއެއް ދީފައެވެ.
މެޗުގެ ފަހު ވަގުތު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބު ކޮށް, ވެސްޓްހަމުން ވަނީ މެޗު ކާމިޔާބު ކޮށްފައެވެ. މި ބައްޔަކީ, ޔުނައިޓެޑުގެ ކުރީގެ ކޯޗު އެރިކް ޓެން ހާގް މަގާމުން ވަކިކުރި ސަބަބުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މި ހާދިސާ ހިނގިތާ ދެ ހަފްތާ ފަހުން ޕްރިމިއާ ލީގުގް ޗީފް ރެފްރީ އޮފިސަރު ހޮވާޑް ވެބް މި ވަނީ އެ މެޗުގައި ވެސްޓްހަމަށް ދިން ޕެނަލްޓީ އެއީ ނުރަނގަޅު ނިންމުމަކުން ދިން ޕެނަލްޓީއެއް ކަމަށް އެއްބަސްވެފައެވެ.
"އަހަރެން ދެކޭ ގޮތުގަ އެ ޕެނަލްޓީ ދިނުމަށްވުރެ ނުދިނުން މާ ރަނގަޅު. ރެފްރީ ދަނޑު މަތީގަ ނިންމީ ޕެނަލްޓީ ނުދޭން. މި ފައުލަކީ ވީއޭއާރްއާ ހަމައަށް ގޮސްގެން ވާނެ ފައުލެއް ނޫން. ވީއޭއާރު ބެލި ރެފްރީންނަށް އެ ހާލަތު ނަގައިގަނެވިފަ އޮތީ ނުބައި ކޮށް ކަމަށް އަހަންނަށް ގަބޫލުކުރެވެނީ" ވެސްޓްހަމަށް ދިން ޕެނަލްޓީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ވެބް ބުންޏެވެ.
ވެބްގެ މި ބަސްތައް މި އައީ, ދާދި ފަހުން ލިވަޕޫލަށް ފުރައްސާރަ ކުރި ޕްރިމިއާ ލީގުގެ ރެފްރީއެއް ސަސްޕެންޑް ކުރި ހަބަރު ފެތުރުނުތާ ކުޑަ އިރުކޮޅެއް ފަހުންނެވެ. ފުޓުބޯޅައިގެ މަތީ ފެންވަރުގައި ހަރަކާތްތެރިވަމުންދާ ރެފްރީންގެ ގާބިލިއްޔަތުކަމާ ބެހޭ ގޮތުން އެތައް ބަޔަކު ސުވާލުކުރަމުން އަންނައިރު މިއީ, ރެފްރީންގެ އިއްޒަތަށް ލިބިގެންދާނެ އިތުރު ހީނަރުކަމެކެވެ.