މިޔަންމާގެ އަސްކަރީ ބަޣާވާތާ ދެކޮޅަށް އެގައުމުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން، އާދީއްތަދުވަހު ކުރި މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން 18 މީހުން މަރުވެއްޖެއެވެ.

މިކަން، އދގެ ހިއުމަން ރައިޓްސް އޮފީހުންވަނީ ކަށަވަރު ކޮށްދީފައެވެ.

އާދީއްތަ ދުވަހަކީ މުޒާހަރާތައް ފެށިފަހުން މިހާތަނަށް އެންމެބޮޑު ލޭއޮހޮރުވުން ހިނގި ދުވަސްކަމަށްވެސް މިވަނީ ވެގެން ގޮސްފައެވެ.

ދެކުނުގެ ޑަވޭ ސިޓީގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން 3 ފިރިހެނުން މަރުވެފައި ވާއިރު، ބާގޯ ޓައުނުން ދެ ޒުވާނުންވަނީ މަރުވެފައެވެ. މަންޑޭލޭއިން 3 މީހުން މަރުވެފައި ވެއެވެ.

އަދި ޔަންގޫނުން އެކަކު މަރުވެފައިވާ ކަމަށް ޕާލަމެންޓް މެމްބަރަކު ފޭސްބުކްގައި ޕޯސްޓްކޮށްފައި ވާއިރު، އެހެން ހިސާބުތަކުންވެސް މީހުން މަރުވެފައިވާ ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ފެބްރުއަރީ 1 ގައި މިޔަންމާގެ އަސްކަރީން ވެރިކަމަށް އަތްގަދަކޮށް، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރުގެ ހުރިހާ ވެރިން ހައްޔަރުކުރި ފަހުން އެތައްހާސް އާންމުން ގެންދަނީ މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ކުރަމުންނެވެ.

މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖެހީ، އަޑުބޮމާއި، ކަރުނަގޭހާއި، ވައިގެ ތެރެއަށް ބަޑިޖަހައިގެންވެސް މުޒާހަރާތައް ރޫޅާލަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ވުމުން ކަމަށް ވެއެވެ.

މުޒާހަރާ ކުރަމުންދިޔަ އާންމުން ހުއްޓުވަން އެކި ފިޔަވަޅުތައް އަޅައި، އަދި ފަހުން މީހުންގެ ގަޔަށް ބަޑިޖެހިއިރު، ސިފައިން ފުލުހުންނަށް މަދަދުދެމުން ގެންދިޔަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބަޑިޖެހުމުގެ ސަބަބުން 18 މީހުން މަރުވިއިރު، އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ ގައިން ފޭބި ލޭތަކުން ދުވާރުތައް ލޭގެ ކޯރުތަކަށް ބަދަލުވެގެން ގޮސްފައިވާ މަންޒަރު، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެނެއެވެ.

އދގެ ހިއުމަން ރައިޓްސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުޒާހަރާ ރޫޅާލަން އަނިޔާވެރި އަދި ނުހައްގު ބާރުގެ ބޭނުންކޮށްފައިވާ ކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބަޑިޖެހުމުގެ ސަބަބުން 18 މީހުން މަރުވެ 30 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.