ބާވީސް ވަނަބައި

"އަހަރެންނަށް ހީވޭ ކުރިން ކޮންމެވެސް ތާކުން ފެނުނު މީހެއްހެން.. ކޮންތާކުންތަ؟" ޔޫޝައު ވިސްނާލިއެވެ.

"އައިކާ ކިޔަވަން ހުރި ގެއިން.. އެއީ އަހަރެންގެ ގެ.." އައްޒާމް ބުނެލިއެވެ.

"އާނ.. އެގެއިން ދޯ.. ކޮބާ އައިކާއާ ބައްދަލުވިތަ؟" ޔޫޝައު އެހެން އަހާލުމުން އައްޒާމް ބޯޖަހާލިއެވެ. އެވަގުތަކީ އައިކާ ކޮޓަރިން ނުކުތް ވަގުތެވެ. ޔޫޝައުއާ އެހާ ގާތްކޮށް އައްޒާމް ވާހަކަދައްކަން އިންތަން ފެނުމުން އޭނާގެ މެޔަށް ނުބައި ގޮތެއްވެގެން ދިޔައެވެ. ޔޫޝައުމެންނަށް ނުފެންނަނީސް އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނެވެ. އަދި ކަކުލާއި ހަމައަށް އަންނަ ކަޅުކުލައިގެ ހެދުމެއްލައި ބުރުގާ އަޅާލައިގެން ނުކުތެވެ.

"އިކާ! މިހުރީ އައްޒާމް.. ލަމްގެ ކްލާސްމޭޓެކޯ އައްޒާމްއަކީ.. މީ ވަރަށް އެހެން ކަހަލަ އިއްތިފާޤެއް.. އަހަރެންނަށް މި އިނދެވުނީ އައްޒާމްގެ ވަރަށް ގާތް ދެ ރައްޓެހިންނާ.." ޔޫޝައު ހީލާފައި އެހެން ބުނެލުމުން އައިކާ ގަދަކަމުން ހިނިތުންވެލިއެވެ. އެވަގުތު އައްޒާމް އައިކާއަށް ބަލާލި ގޮތުން އައިކާއަށް ދަތްކުނޑި ވިކާލެވުނެވެ. އަދިވެސް އެ ގޮތްކުޑަ ފިރިހެނާގެ ނިޔަތް ބަދަލެއްނުވެއެވެ. ޔޫޝައު ގާތުގައި އައްޒާމްގެ ހުރިހާ ވާހަކައެއް ބުނެފާނަމޭވެސް އެވަގުތު އޭނާގެ ހިތަށްއެރިއެވެ.

ލަމްހާއަށް އައިކާގެ މޫނަށް އައި ބަދަލުތައް ރަނގަޅަށް ފާހަގަކުރެވުނެވެ. އެދެމީހުންގެ ގުޅުން ރަނގަޅު ނޫންކަން ލަމްހާގެ ތޫނު ސިކުނޑިން ދެނެގަތެވެ. އެދެމީހުންގެ މެދުގައި މައްސަލަ ޖެހެން ޖެހޭނީ ކޮން ސަބަބަކާ ހުރެބާއެވެ. ލަމްހާ އެ ސަބަބެއް ހޯދަން ބޭނުންވިއެވެ. ނަމަވެސް އޭނާ އެ ސަބަބު ހޯދާނީ ކިހިނެއް ހެއްޔެވެ؟ އައްޒާމް ގާތު އަހާލަނިކޮށް ބުނެފާނެބާއެވެ. ނޫނީ އައިކާ ގާތު އަހަންވީބާއެވެ. ލަމްހާ އެފަދަ ޚިޔާލުތަކެއްގައި ހުރެފައި ނިންމީ އައިކާ ގާތު އަހާލާށެވެ.

އިރުކޮޅަކު ޔޫޝައުއާ ވާހަކަދައްކާލަން އިނދެފައި އައްޒާމް ގެއަށް ދިޔައީ އަދިވެސް އެއްފަހަރު އައިކާއަށް ބަލާލާފައެވެ. އައިކާ ވީ ފޫއްސެއްގެ ބޮޑުކަމުން ތުން އަނބުރާލަމުން ދުރަށް އެނބުރިލި ވަގުތު އޭނާއާ ދިމާއަށް ބަލަން އިން ލަމްހާ ފެނުމުން ހާސްވާގޮތްވިއެވެ. ލަމްހާއަށް އޭނާއަށް ވީގޮތް ފާހަގަވެއްޖެނަމަ މުޅިން ސަކަރާތްވީއެވެ. އޭރުން ޔޫޝައުއަށް އެވާހަކަތައް އިވޭކަށް ގިނައިރެއް ނުނަގާނެއެވެ. ލިބުނު ހާސްކަމުގައި އޭނާގެ ނިތްކުރިން ދާތިކިތައް ފާއްދާލިއެވެ. އަވަސްއަވަހަށް ނިތްކުރި ފޮހެލަމުން އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ފައި އެޅުނު ގޮތަކުން ފައި ފުރޮޅާލިއެވެ. އެވަގުތު ހަށިގަނޑު އަރިއަޅާލުމާއެކު ބަނޑާއި ދިމާއަށް ތަދެއް އަރައިގެން ދިއުމާއެކު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެވަގުތު ދެލޯ މަރާލަމުން ސޯފާގައި ލެނގިލި ޔޫޝައުއަށް ސިހިފައި ލޯ ހުޅުވާލެވުނެވެ. އޭނާއަށް އަޑު އައި ދިމާއަށް ބަލާލެވުނުއިރު އައިކާ ވެއްޓެނީއެވެ. ޔޫޝައުއަށް ވީގޮތެއްވެސް ނޭނގުނެވެ. ފުންމައިގެން ތެދުވެ އައިކާއާ ދިމާއަށް ދުއްވައިގަތްއިރު އޭނާގެ ގައިގައި އެއްވެސް ވޭނެއް އަޅާހެނެއް ހިއެއްނުވެއެވެ. އޭނާއަށް އައިކާ ވެއްޓުމުގެ ކުރިން ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އޭރު ލަމްހާވެސް އައިކާއާ އަރާ ހަމަވަނީއެވެ. ޔޫޝައު އައިކާގެ ހަށިގަނޑު ތެދުކޮށްލިއެވެ.

"އިކާ! ކިހިނެއްވީ؟" ހާސްވެފައި ޔޫޝައުއަށް އަހާލެވުނެވެ.

"ފައި ފުރޮޅާލީ.." އައިކާގެ އަޑުން އޭނާ ބިރުގަނެފައިވާވަރު ހާމަވެއެވެ.

"ތަންކޮޅެއް ބަލާލައިގެން އުޅޭ.. ނޫނީ ދެރަކަމެއް ވެދާނެ.." ޔޫޝައު ވަރަށް އޯގާތެރިކަމާއެކު ބުނެލިއެވެ.

"ބަނޑުގައި ރިއްސަނީތަ؟" ލަމްހާއަށް ކަންބޮޑުވެފައި އަހާލެވުނީ އައިކާ ބަނޑުގައި އަތްއަޅާލައިގެން ހުރިގޮތުންނެވެ.

"އާނ.. ވެއްޓެން އުޅުނު ގަޑީ ވީގޮތަކުން މިދިމާއަށް ތަދުވީ.." އައިކާ ބަނޑުގެ ތިރީކޮޅުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

"ހިނގާ އިށީނދެލަން.. އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ.. ރަނގަޅު ނުވިއްޔާ ވާނެ ޑޮކްޓަރަށް ދައްކަން.." ލަމްހާ ބުނެލިއެވެ. ޔޫޝައުވެސް އެކަމަށް ތާއީދުކުރިއެވެ.

"ލަމް! ކޮބައިތަ މަންމަ؟ މިއަދަކު އަދި ނުފެނޭ.." ޔޫޝައު އަހާލިއެވެ.

"އަހަރެން މީގެ ކުޑައިރުކޮޅެއް ކުރިން ބަލާލިއިރު މަންމައަށް އޮތީ ނިދިފަ.. އަހަރެންނަށް ހީވަނީ މަންމަ ޑޮކްޓަރަށް ދައްކާލަންވީހެން އަނެއްކާވެސް.. މިހާރަކަށް އައިސް ބޭރަށް ނުނިކުމެ ގިނައިރު އޮށޯވެގެން އޮންނަނީ.. މަންމަ ގާތު ވީ ކިހިނެއްހޭ އަހާލާއިރަށް ބުނާނެ ކަމެއްނުވެޔޭ.. ހަމަ އޮތީއޭ.. އެކަމް މަންމައަކީ ބަލި ނޫނިއްޔާ އެހެން އޮންނާނެ މީހެއް ނޫން.." ލަމްހާ އެހެން ބުނެލުމުން ޔޫޝައުވެސް އެގޮތާ އެއްބަސްވިއެވެ.

"އަދި މިހާރަކަށް އައިސް މަންމަ ވަރަށް އެހެން ކަހަލަ ވާހަކަތަކެއް ދައްކަނީވެސް.. އަބަދުވެސް ކިޔަނީ މަންމަ ދެން މާގިނަ ދުވަހަކު ދުނިޔޭގަ ހުންނާނެހެނެއް ހިއެއްނުވެޔޭ.. މަންމަ ނެތް ދުވަހަކުން ޔޫޝައުއަށް ރަނގަޅަށް އަޅާލާ ރަނގަޅަށް ބަލައްޗޭ.. ލަމްހާއާ ދެމީހުން ރަނގަޅަށް ގުޅިގެން އެކުވެރިކަމާއެކު އުޅެއްޗޭ.. މަންމައަށް ހެޔޮދުޢާ ކުރައްޗޭ.. މިކަހަލަ މިކަހަލަ ވާހަކަތަކެއް ދައްކަނީ.." އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް ނުބައި ގޮތެއްވެގެން ދިޔައެވެ. މިދުނިޔޭގައި ހުރި އޭނާ އެންމެ ލޯބިވާ މީހާވެސް ނެތިގެން ދާން އުޅޭފަދަ އިހުސާސެއް އޭނާއަށް ކުރެވިއްޖެއެވެ.

"މަންމަ ކައިގެންތަ އެއޮތީ؟" ޔޫޝައު އަހާލިއެވެ.

"އާނ.. މެންދުރު ކައިގެން ކޮޓަރިއަށް ވަތްގޮތަށް އަދި ނުނިކުމޭ.. ނިދިފަ އޮތީ.." ލަމްހާ އެހެން ބުނެލުމުން ޔޫޝައު ގަޑި ބަލާލިއެވެ.

"މިހާރު އެއޮއްގެން ހައެއް ޖަހަނީ.. ލަމް ދޭބަލަ މަންމައަށް ގޮވާލަން.. މިހާރު ހާދަ ގިނައިރެއް ވެއްޖޭ އެހެންވީމަ.." ޔޫޝައު ކަންބޮޑުވެފައި އެހެން ބުނެލުމުން ލަމްހާ ބޯޖަހާލަމުން ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ލަމްހާ ގޮސް ކޮޓަރިއަށް ވަނުމުން ޔޫޝައު އައިކާއާ ގާތްވެލިއެވެ.

"އަދިވެސް ތަދުވޭތަ؟" އައިކާގެ ބަނޑުގައި ފިރުމާލަމުން ޔޫޝައު އަހާލިއެވެ.

"ކުޑަކޮށް.."

"ދެންވެސް ބަލައިގެން އުޅެއްޗޭ.. އިކާއާ ބޭބީއަށް ކަމެއް ވެއްޖެއްޔާ އަހަރެން ކިހާ ދެރަވާނެ.." ޔޫޝައު ލޯތްބާއެކު އެހެން ބުނެލުމުން އައިކާ ބޯޖަހާލަމުން ޔޫޝައުގެ ކޮނޑުގައި ބޯއަޅާލިއެވެ.

"ޔޫޝް މިހާރު އޯކޭތަ؟ މިހާރު ހުމެއް ނެތް ދޯ؟ އަދިވެސް ބޮލުގަ ރިއްސާ ބޯ އަނބުރާތަ؟" އައިކާ ޔޫޝައުގެ ކަރުދޮށުގައި އަތް ޖައްސާލަމުން އަހާލިއެވެ.

"މިހާރު ބޮލެއް ނާނބުރާ އެހާ ބޮޑަކަށް.. އެކަމް އަދިވެސް ގޮތެއް އެބަހުރި.. ބޮލުގެ ރިހުންވެސް އެއްކޮށް ރަނގަޅެއްނުވޭ.. ހިތަށް މިއަރަނީ މިރޭ ޑޮކްޓަރަށް ދައްކާލަން ދާން.. ދާއިރު މަންމަވެސް ގޮވައިގެން ދާނީ.. އިކާވެސް ދާންވީނު.. މާދަމާއަކީ ސްކޭންކުރަން ދާންޖެހޭ ދުވަހެއްނު.. އެހެންވީމަ މިރޭ ދަމާ.. އޭރުން ފަސޭހަވާނެއެއްނު.." ޔޫޝައު އެހެން ބުނެލުމުން އައިކާ ބޯޖަހާލިއެވެ. އެވަގުތު ލަމްހާ ވަރަށް ބާރަށް ޔޫޝައުއަށް ގޮވާލި އަޑު އިވުނެވެ. ޔޫޝައުއަށް ހާޖަރާގެ ކޮޓަރިއާ ދިމާއަށް ދުއްވައިގަނެވުނީ ހިތަށްއެރި އެއްޗެއްގެ ސަބަބުންނެވެ. އައިކާވެސް ސޯފާއިން ތެދުވެ ޔޫޝައުގެ ފަހަތުން ދިޔައެވެ.

"ކިހިނެއްވީ؟" ހާސްވެފައި ޔޫޝައު އަހާލިއެވެ. އޭރު ލަމްހާއަށް ރޮވެނީއެވެ. އޭނާ އަތުގެ އިޝާރާތުން ހާޖަރާ ދައްކާލިއެވެ. ޔޫޝައު ހާޖަރާއާ ގާތަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އޭނާގެ ހިތުގެ ތެޅުން ބާރުވާކަމުގެ އިހުސާސްކުރެވެމުން ދިޔައެވެ. އޭނާ ހާޖަރާގެ އެނދުގައި އިށީނދެލިއެވެ. އަދި ވަރަށް ފުންކޮށް އެމޫނަށް ބަލާލިއެވެ. އެމޫނުމަތީގައިވަނީ ރީތި ހިނިތުންވުމެކެވެ. ހީވަނީ ހުރިހާ ހިތްހަމަޖެހުމެއް ލިބިފައިވާ މީހެއްހެންނެވެ. ޔޫޝައު ހާޖަރާގެ އަތުގައި ހިފާލިއެވެ. އެއާއެކު އެއްވެސް ވަރެއްނެތް ހާޖަރާގެ އަތުގެ ފިނިކަން އޭނާއަށް އިހުސާސްކުރެވުނެވެ. ގަނޑުފެންކޮޅެއްހާ ފިނިވެ ހަރުވެފައިވާ ހާޖަރާއަށް ބަލަން ގަބުވެފައި އިންދާ އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ނުރޯން ހިތްވަރުކުރި ނަމަވެސް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން އޭނާގެ އޭނާގެ އަޑު ބޭރުވަމުން ރުއިން ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. ލަމްހާއާއި އައިކާއަކަށްވެސް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ދެމީހުން އައިސް ޔޫޝައުގެ ދެފަރާތުން އިށީނދެ އޭނާގެ ދެކޮނޑުގައި ބޯއަޅާލިއެވެ. އެމީހުންގެ ކަރުނަތައް ހުއްޓުވަން މަސައްކަތްކުރަމުން ޔޫޝައުއަށް ހިތްވަރުދޭފަދަ ގޮތަކަށް އޭނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެތައްއިރެއް ވީފަހުން ޔޫޝައުގެ ރުއިން ހުއްޓުނެވެ.

**********

"ދަރިފުޅާ! ކޮންމެ މީހަކީވެސް މިދުނިޔޭން ނެތިދާނެ މީހެއް.. އެދުވަހަކީ އެމީހެއްގެ އާއިލާ މީހުން އިންތިހާއަށް ހިތާމަކޮށް ރޮއި ހަދާ ދުވަހެއް.. އެކަމަކު ދަރިފުޅު މަންމައަށް ވަޢުދެއް ވެދީ.." ހާޖަރާ ވަރަށް ބަލިވެ އުޅުނު ދުވަސްވަރެއްގައި އެއްދުވަހަކު ޔޫޝައު ގާތު ބުންޏެވެ. އޭރު ޔޫޝައުގެ އުމުރުން ފަނަރަ އަހަރެވެ.

"މަންމަ މިރޭ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް.. ތިކަހަލަ ވާހަކަ ނުދައްކާ.. މަންމަ އަރާމުކޮށްލާ.."

"ނޫން ދަރިފުޅާ! މަންމަ މިދައްކަނީ ހަމަ ރަނގަޅު ވާހަކައެއް.. މަންމަ ދަރިފުޅު ގާތު ވަރަށް ގިނަ ވާހަކަދައްކަންވެފަ އެބަހުރި.. ފަހަރުގަ މީ މަންމަގެ ފަހު ރެއަށްވެސް ވެދާނެ.. އޭރުން، ފަހުން ބުނަން މަޑުކޮށްގެން މަންމަ ދަރިފުޅު ގާތު ބުނަން ބޭނުންވާ ވާހަކަތައް މަންމައަށް ނުބުނެވިދާނެ.. މަންމަގެ ނަސޭހަތް އަޑުއަހާ.. ދަރިފުޅަކީ ވަރަށް ބޮޑު އެކަނިވެރިއެއް.. މި މަންމަ ނެތް ދުވަހަކުން ދަރިފުޅު ވަރަށް އެކަނިވާނެ.. އެކަމަކު ދަރިފުޅަކީ ވަރަށް ހިތްވަރުގަދަ ވަރަށް ވިސްނޭ ކުއްޖެއްނު.. ދަރިފުޅު ދީނުގެ ކަންތައްތަކަށް ސަމާލުކަންދީ ދީންވެރި ކުއްޖަކަށް ވައްޗޭ.. ދަރިފުޅު ދުވަހަކުވެސް ނުބައި މަގަކުން ނުދައްޗޭ.. މަންމަ ދަރިފުޅަށް ދިން ތަރުބިއްޔަތާ ލޯބީގެ ބަދަލެއްގެ ގޮތުން ނަމަވެސް މަންމަ ދެރަވެ ލަދުގަންނަން ޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރައްޗޭ.. ދަރިފުޅު ރަނގަޅަށް ކިޔަވާ މޮޅު މީހަކަށް ވައްޗޭ.. އަދި ޤައުމަށް ޚިދުމަތްކުރާ، ޙައްޤަށް މަސައްކަތްކުރާ ކުއްޖަކަށް ވައްޗޭ.. އެއްވެސް މީހަކަށް އަނިޔާވެރި ނުވައްޗޭ.. އެއްވެސް ކަމެއްގެ ހަޤީޤަތް ނުބަލާ ގޮތެއް ނުނިންމައްޗޭ.." ޔޫޝައުގެ އަތުގައި ހިފާލައިގެން އިނދެ ހާޖަރާ ބަލި އަޑަކުން ލަސްލަހުން ވާހަކަދެއްކިއެވެ. ހާޖަރާގެ ވާހަކަތަކަށް ޔޫޝައު ބޯޖަހަމުން ދިޔައެވެ.

"އަދި މަންމައަށް ވަޢުދެއް ވެދީ.."

"މަންމާ!" ހާޖަރާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ވަރަށް ލޯބިން ފޮހެލައިދެމުން ޔޫޝައު ގޮވާލިއެވެ. ނަމަވެސް އެ ކަރުނަތަކަކީ ހުސްވުމެއްނެތް އެއްޗެއްފަދައެވެ. އެދެލޮލުން ފެންނަނީ ހަށިގަނޑުގައި އަޅަމުންދާ ވޭނާއިއެކު، އެއްވެސް ޔާރެއް އިޔާރެއް ނެތް ތާކަށް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ދޫކޮށްލާފައި ދާންޖެހިދާނެކަމުގެ ބިރަށް ކުރަމުންދާ ފުން ހިތާމައެވެ.

"ވައުދުވޭ.."

"ކޮންކަމަކަށްތަ މަންމާ؟" ޔޫޝައުގެ ލޮލުން ކަރުނަ ހިލުނެވެ.

"މަންމަ މިދުނިޔޭން ވަކިވާ ވަގުތު ދަރިފުޅު ހިތްވަރުގަދަކޮށް، ރޮއި ހިތާމަ ނުކުރާނެކަމަށް ވަޢުދުވޭ.."

"މަންމާ! އަހަރެން ވަޢުދުވަން.." ޔޫޝައު ވަރަށް ލޯބިން ހާޖަރާ ގައިގައި ބައްދާލިއެވެ. އޭރު އޭނާގެ ލޮލުންވެސް ހޫނު ކަރުނަތައް ފައިބަމުން ދިޔައީ މަންމައާ ވަކިވާންޖެހޭ ވަގުތު ގާތްވެއްޖެހެން ހީވާވަރުންނެވެ.

**********

ދިހަ އަހަރު ކުރީގެ ހަނދާންތަކެއް އާވުމުން ޔޫޝައުގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލުނެވެ. އޭނާގެ އުމުރުން ފަނަރަ އަހަރުގައި އޭނާގެ މަންމަ އޭނާ ލައްވާ ކުރުވީ ބޮޑު ވަޢުދެކެވެ. އެރޭ އޭނާގެ މަންމަ ދެއްކި ކޮންމެ ވާހަކައެއް އަބަދުވެސް އޭނާގެ ހަނދާނުގައި ހުރެއެވެ. ނަމަވެސް އެ ވަޢުދަށް ކަމޭހިތަންވީ ވަގުތު، އެ ވަޢުދުގެ މަތިން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހަނދާންނެތުނީތީ އޭނާ ދެރަވިއެވެ. އެފަހަރު ހާޖަރާގެ ފަހު ވަގުތުކޮޅޭ ހީވާވަރަށް ބަލި ހާލު ގޯސްވި ނަމަވެސް ހަފްތާއެއްވީތަނާ މަޑުމަޑުން ހާޖަރާގެ ބަލި ހާލު ރަނގަޅުވަމުން ގޮސް އާންމު ހާލަތަށް ރުޖޫޢަވިއެވެ. މާތް ﷲއަށް ޙަމްދު ހުއްޓެވެ. ޔޫޝައު އަވަސްއަވަހަށް އޭނާގެ ދެލޯ ފޮހެލިއެވެ. އޭނާ ދެން ނުރޯނެއެވެ. އޭނާއަކީ އޭނާގެ މަންމަ އެދޭފަދަ ހިތްވަރުގަދަ މީހަކަށް ވާނެއެވެ. އޭނާ ކަށިން ހިތްވަރު ނެރެ ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ޢަޒުމުކަނޑައެޅިއެވެ.

**********

މާޒްއާއި ޒިޔާން ތިބީ ރަށުގެ އެންމެ މަޝްހޫރު "ސްވީޓް ކޯނަރ" ކެފޭގައި ކޮފީއަކަށް ގޮހެވެ. މާޒްގެ މޫނުމަތިން އެހެންޏާ ނުފެންނަ ހިތްހަމަޖެހުމެއް ޒިޔާންއަށް ފާހަގަވިއެވެ.

"މާޒް! ކޮބާ ކިހިނެއް ކަންތައްތައް؟" ޒިޔާން އަހާލިއެވެ.

"ރަނގަޅޭ ހަމަ.. ކިހިނެއްވީ؟" ޝައްކެއްވެގެން މާޒް އަހާލިއެވެ.

"މިއަދު މާ މޫޑް ރަނގަޅުކޮށް ފެންނާތީ.. ހީވަނީ ކަންތައްގަނޑެއް ހިންގާލަނީހެން.." ޒިޔާން ދިމާކޮށްލިއެވެ.

"ހީވެއްޖޭ އެއްޗެކޭ ކިޔަންހެން ތިއުޅެނީ.. އަދި ތިކަހަލަ ކަމެއް ނެތް.." މާޒް ޔަޤީންކަން ދިނެވެ.

"ދޮގު ދޯ؟ އޮޅުވާލަން ތިއުޅެނީ.."

"ނޫނެކޭ.. ކީއްވެ ދޮގު ހަދަންވީ؟ ޔަޤީނޭ އެ ލީން ކޮންމެވެސް އަނގައެއް ތަޅައިގެންކަން ތިއުޅެނީ.." މާޒް އެހެން ބުނެލުމުން ޒިޔާން ހީލިއެވެ.

"ކޮބާ؟ ރަނގަޅަކަށްނު މިބުނީ ދޯ؟" ޒިޔާން އެހެން ބުނެލުމުން މާޒް ބޯޖަހާލިއެވެ.

"ނޫނޭ.. ސީރިއަސްކޮށް.. އަދި ތިކަހަލަ ކަމެއްނެތް.. އެކަމަކު އެބަ އެކަމާ ވިސްނަން.." މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

"ހޫމް.. މާ ލަސްވެސްވެއްޖޭ އަސްލު.. އަވަހަށް ތިކަން ކުރަން އުޅޭ.. ދެން ގޮނޑުން ކުނިގަނޑެއް ނޫން ހޯދާނީކީ.. ރަނގަޅު ކުއްޖެއް.. ނޫނީ މާޒްގެ ނަން ހަޑިވުމުގެ އިތުރަށް ދިރިއުޅުންވެސް ހަލާކުވާނީ.." ޒިޔާން ނަސޭހަތެއް ދިނެވެ.

"ގައިމުތާ.. ކަމެއްވެގެން ދޯ އަހަރެން އެ ނާޒްއާ ނުގުޅުނީ.. އަހަރެންނަށް އެނގޭ ވިއްޔަ އޭނަގެ ވައްތަރު.. އެކަމް އެންމެންވެސް ހީކުރީ އަހަރެން އައިކާއާ ހެދި މޮޔަވެގެންނޭ އޭނައާ ނުގުޅުނީ.. އަސްލު ތެދެއް ބުނަން.." މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

"މީ އަދި އަހަރެން އެއްވެސް މީހެއް ގާތު ނުބުނާ ވާހަކައެއް.. އަސްލު އައިކާއަކީ އަހަރެންގެ ފަސްޓް ޗޮއިސްއެއް ނޫން.." މާޒް އެހެން ބުނެލުމުން ޒިޔާން އެއްބުމަ އަރުވާލިއެވެ.

"ތިބުނީ؟"

"ހޫމް.. އަސްލު ފުރަތަމަ އަހަރެންނަށް ލޯބިވެވުނީ ނާޒްދެކެ.. އެކަމް އޭނަ ގާތު އެވާހަކަ ބުނަން ދިޔަ ރޭ އަހަރެންނަށް ފެނުނީ ދުވަހަކުވެސް ނާޒްގެ ފަރާތުން ފެނިދާނެކަމަށް އުއްމީދުކުރި ކަހަލަ މަންޒަރެއް ނޫން.. އޭރުވެސް އަހަރެންގެ ހިތް ބަދަލެއްނުވޭ.. އެކަމް ފަހުން އަހަރެންނަށް ފެނުނީ އޭނަ އެހެން ދެތިން މީހަކާ އެކީ އެހެން އުޅެނިކޮށް.. އެހިސާބުން މުޅިން ފޫހިވީ.. ދެން އަހަރެންނަށް އެންމެ ކަމުދާ ކުއްޖަކަށް ފެނުނީ އައިކާ.. އައިކާދެކެ ލޯބިވެވުނު ހިސާބުން އަހަރެންނަށް އެނގުނީ ނާޒްދެކެ ވެވުނީ ހަޤީޤީ ލޯބި ނޫންކަން.. އަހަރެން އައިކާއަށް އެތައް ފަހަރަކު އެކި ގޮތްގޮތަށް ލޯބިހުށަހަޅައި ހެދީމަވެސް އޭނަ އެއްބަހެއްނުވި.. އެކަމްވެސް އަހަރެން އުއްމީދު ނަގައެއްނުލަން.. ޔޫޝައުއާ އިން ހިސާބުންވެސް އަހަރެންގެ ހިތް އެހެން ކުއްޖަކަށް ލެނބޭ ގޮތެއްނުވި.. އަދިވެސް އައިކާގެ ހަނދާންތަކަކާ ދުރަކަށް ނުދެވޭ.. އަސްލު ދުރަށް ދާކަށް މަސައްކަތެއްވެސް ނުކުރަން.. އޭނަ އުފަލުގަ ހުރިއްޔާ އަހަރެންނަށް އެ ނިމުނީ.." މާޒްގެ ވާހަކަ އަޑުއަހާފައި ޒިޔާން އިނީ ހައިރާންވެގެން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

"އޭތް.. ކިހިނެއްވެފަ ތިއިނީ ބަހެއްވެސް ނުބުނެ؟"

"ތިބުނި ވާހަކައަކުން އެތެރެއަށްލީ ނޭވާ ބޭރަށްލާންވެސް ހަނދާންނެތިފަ މިއިނީ.. އެހެންތާ ވާނީ.. ހިތަށްވެސް ނާރާ ކަހަލަ ވާހަކައެއް ވިއްޔަ ތިބުނީ.." ޒިޔާން އިނީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ.

"ނާޒްގެ ވާހަކަ؟" މާޒް އެހެން ބުނެލުމުން ޒިޔާން ބޯޖަހާލިއެވެ.

"އޯހ ކަމޯން.. އެއީ ކޮން ޒަމާނެއްގަ.. އޭރަކު އަހަރެންނަކަށް އެއްވެސް ވަރަކަށް ނޭނގެ އޭނައަކީ އެކަހަލަ މީހެއްކަމެއް.. އެނގުނު ހިސާބުން މުޅިން ކަޓް.. އެހިސާބުން އެއީ އަހަރެންގެ ނަޒަރުގަ ފައިފުއްސަކަށްވެސް ކަމުނުދާ މީހެއް.. އެހެންނޫނަސް ބުނެއެއްނު ލޯތްބަކީ ކަނު އެއްޗެކޭ.. އަހަރެންނަށްވެސްވީ އެހެން ކަންނޭނގެ.." މާޒް އެހެން ބުނެލުމުން ޒިޔާންވެސް ބޯޖަހާލިއެވެ.

"ދެން ސީރިއަސްކޮށް ކަމެއް ކުރަންވީނު.." ޒިޔާން ބުނެލިއެވެ. މާޒް ހަމައެކަނި ހިނިތުންވުމަކުން ފުއްދާލީއެވެ.

"އަހަރެން ސެޓުކޮށްދެންތަ ވަރަށް ރަނގަޅު ކުއްޖެއް؟ އަހަރެންނަށް ހަމަ ޔަޤީން މާޒްއަށް އޭނަ ވަރަށް ކަމުދާނެކަން.. އަދި މާޒްއާ އޭނައާ ހުރިހާ ގޮތަކުންވެސް އެކަށީގެންވޭ.. ދީންވެރި، ގެވެހި، މުރާލި، ކިޔަމަންތެރި.. ސާދާ ދިރިއުޅުމަކަށް ލޯބިކުރާ ކުއްޖެއް.. ރީތީގެ ގޮތުން އައިކާއަކަށް ވަކި ދުލެއް ނުކުރާނެ.. އަދި އެހާ ސެކްސީވާނެ.." ޒިޔާން އެންމެ ފަހު ޖުމްލަ ބުނެލީ ލާނެއް ފާޑަކަށް ހީލާފައެވެ.

"ސެކްސީ ކުދިން ކަމަކު ނުދާނެ.. އޭރުން ވާނީ ހަމަ ނާޒް ކަހަލަ ކުއްޖަކަށް.." މާޒްވެސް ޒިޔާންގެ އެ ސަމާސާގައި ބައިވެރިވިއެވެ.

"ސީރިއަސްކޮށް މިބުނީ.. އޭނަ ސެޓުކޮށްދެންތަ؟ އޭނައަކީ މާޒްއާ ހަމަ އެންމެ ގުޅޭ ކުއްޖާ.." ޒިޔާން އެހެން ބުނެލުމުން މާޒް ވިސްނާލިއެވެ. ޒިޔާން އެ ކިޔައިދިން ސިފަތައް އެކުއްޖާގެ ގައިގައި ހުރިނަމަ ހަމަ ގައިމުވެސް އެއީ ވަރަށް ރަނގަޅު ހޮވުމަކަށް ވާނެއެވެ.

"އޭނަ.. އެކުއްޖާ.. މިކުއްޖާ.. ނަމެއްވެސް އޮންނާނެއެއްނު އޭނައަށް ކިޔާ.. ނަން ބުނެބަލަ.." މާޒް ޝައުޤުވެރިވިއެވެ.

"އަހަރެން ބުނާ ނަމަކުން ރުޅި ނާންނައްޗޭ.." ޒިޔާން ބޭނުންވީ ޔަޤީންކަން ހޯދާށެވެ. މާޒް ބޯޖަހާލިއެވެ.

"އެއީ ދޮނަޅޭމެންގޭ ނަޝްވާ.." ޒިޔާން ބުނެލި ނަމުން މާޒް ސިހުނެވެ.